ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް - ފޮޓޯ: އަވަސް

ޔާމީންގެ މުޅި މިލްކިއްޔާތު ހިފެހެއްޓި ޤާނޫނީ ހަމަ ސާފުކޮށްދޭން ސުޕްރީމްކޯޓުން އެދިއްޖެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މުޅި މިލްކިއްޔާތު ހިފެހެއްޓި ޤާނޫނީ ހަމަ ސާފުކޮށްދޭން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ދައުލަތުގައި އެދިއްޖެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް އެދިފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފްރީޒްކޮށްފައި ހުރި އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމުގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފް އަޑުއެހުމުގައި ދާދި ދެންމެއެވެ.

މިއަދުގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިގޮތަށް ސުވާލު އުފައްދާފައިވަނީ، ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒް ކުރަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް ރައީސް ޔާމީން ޝަރީއަތުގައި ވިދާޅުވުމާއި ގުޅިގެންނެވެ.

"އެސެޓް ރިކަވަރ ކުރައްވާ ވާހަކަ ދައްކަވާއިރު އެ އެސެޓް މިހާރުވެސް، މި މައްސަލަ ހުށަހެޅުއްވިއިރު އަދި އެކައުންޓްތައް ފްރީޒްކުރަން ހުށަހެޅުއްވިއިރުވެސް މި އެސެޓް ވަނީ އޭސީސީއަށް ޓެންޑަރ ކޮށްފައި. ބޭންކް އޮފް މޯލްޑިވްސްގައި އޭސީސީގެ ބެނެފިޓްގެ އެ އެއް މިލިއަން ޑޮލަރު އެހުރީ އޭސީސީގެ އެކައުންޓްގައި ބަހައްޓާފައި. އެހެންވީމާ ގެއްލިދާނެކަމަށް އެ ވިދާޅުވާ އެއްމިލިއަން ޑޮލަރު އޭސީސީގެ އެކައުންޓުގައި ބަހައްޓާފައި ހުއްޓައި، ދެން ކޯއްޗެއްތޯ އިތުރަށް ގެއްލިގެން ހޯދަން އުޅެންވީ؟ އެހެންވީމަ ގެއްލިދާނެ ފައިސާއެއް މިއަކު ނޫޅޭނެ. އެސެޓް ރިކަވަރ ކުރުމުގެ އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ އެއްވެސް ފުރުޞަތެއްވެސް މިއަކު ނޫޅޭނެ." ރައީސް ޔާމީން މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެއް މިލިއަން ޑޮލަރު ގެއްލުމަކީ މުސްތަހީއްލު ކަމެއް ކަމަށާއި، މުޅި މިލްކިއްޔާތު ފްރީޒްކުރުމުގެ އަމުރުތައް ނެރުނީ އެ ފައިސާ އޭސީސީއަކު ހަދާފައިވާ އެކައުންޓުގައި ބަހައްޓާފައި ހުންނަތާ 8 މަހަށްވުރެ ގިނަ ދުވަސް ވީފަހުން ކަމަށެވެ. އަދި އޭސީސީއަކީ ދައުލަތުގެ މުއައްސަސާއަކަށް ވީހިނދު އެ ފައިސާ ގެއްލުމަކީ ވުޖޫދުގައި ނެތް މައްސަލައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރިޒްކުރުމަށް ދަށު ކޯޓުން ނެރުނު އަމުރާއި، އެ އަމުރަށް ދައުލަތުން އެދިފައިވަނީ ޤާނޫނާއި އެއްގޮތަށް ކަމަށް ޤަބޫލުކުރައްވަންތޯ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތާ ސުވާލުކުރައްވާފައެވެ.

"އެ އަމުރު އެއޮތީ ރަނގަޅަށްތޯ؟ އެ އަމުރު ނެރޭއިރު ޢާއްމު އުޞޫލަކީ އެ އަމުރު ނެރޭއިރު އަމުރު ނެރޭ ސަބަބާއި އަމުރު ނެރެނީ ކޮން ޤާނޫނެއްގެ ދަށުންކަމާއި [ހިމެނުން]. އެހެންކަމުން އެ އަމުރު އެއޮތީ ރަނގަޅަށްތޯއޭ އަޅުގަނޑުގެ ސުވާލަކީ." ހުސްނުއްސުއޫދު ދައުލަތާ ސުވާލުކުރެއްވިއެވެ.

"މިފަދަ އަމުރެއް އެންމެ ފުރިހަމަވާނީ ފަނޑިޔާރު ތި ވިދާޅުވިގޮތަށް އަމުރު ނެރޭ ޤާނޫނާއި އެ އަމުރުނެރޭ އަސާސްފަދަ ހުރިހާ މަޢުލޫމާތުތަކެއް އެއަމުރެއްގައި ހިމެނިގެން. އެހެންނަމަވެސް މިހާރު އަމަލުކުރަމުން އަންނަ އުޞޫލަށް ބަލާއިރު ކޯޓުން އަމުރު ނެރުމަށް މިހާރު މި އޮތް އުޞޫލަކީ ތަޙްޤީޤީ އިދާރާއިން ވަކި ފޯމެޓަކަށް ހުށަހެޅުމުން ކޯޓުން ވަކި ފޯމެޓަކަށް އަމުރު ނެރެދެއްވުން ކަމަވާތީވެ، ކޯޓުން އެ އުޞޫލާ އެއްގޮތަށް ނެރެދެއްވާފައިވާ އަމުރަކީ ޤާނޫނާ ޚިލާފަށް ނުވަތަ އެފަދަ އަމުރެއް އޮންނަންޖެހޭ ގޮތަށް އޮތް އަމުރެއް ނޫންކަމަކަށް ދައުލަތަކަށް ނުދެންނެވޭނެ." ފަނޑިޔާރު ސުއޫދުގެ ސުވާލާއި ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

"މީހެއްގެ މުޅި މިލްކިއްޔާތު ފްރިޒްކުރަން އެދެވިދާނެތޯ؟ ތުހުމަތު ކުރެވިފައިވަނީ އެންމެ އެސްޓީއާރަކާއި ގުޅިގެން، އެއީ އެއް މިލިއަން ޑޮލަރު. އަމުރުކޮށްގެން މިއުޅެނީ މީހެއްގެ މިލްކިއްޔާތުގައިހުރި އޭނާގެ އަމިއްލަ ހަރަދުކުރުމާއި، އޭނާގެ ޒާތީ ޚަރަދުކުރުމާއި އޭނާ ޢާއްމު ގޮތެއްގައި ކުރަންޖެހޭ ޚަރަދުތައް ކުރުން ހުއްޓޭ ގޮތަކަށް ފަރުދެއްގެ މުޅި މިލްކިއްޔާތު ފްރީޒްކުރުމަށް ކޯޓު އަމުރަކަށް އެދެވިދާނެތޯ؟ އެއަށް ޖާގަ ދޭތޯ ޤާނޫނުން.؟" ހުސްނުއްސުއޫދު ދައުލަތާ ސުވާލުކުރެއްވިއެވެ.

މި ސުވާލުަތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ، މިފަދަ އަމުރަކަށް އެދެވިދާނެ ކަމަށާއި، އެގޮތުން މަނީ ލޯންޑަރ ކުރުމަށް ބޭނުންކުރި ފައިސާއާއި އެ ކުށާ ގުޅިފައިވާ ފައިސާއާއި މުދަލުގެ އިތުރުން ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ އެ ކުށްކޮށްގެން ހޯދާ މުދަލުން އެމީހަކު ފައިސާއެއް ނުވަތަ މުދަލެއް ހޯދާފައިވާ ކަމުގައި ވަނީނަމަ އެމުދަލަކީވެސް ދައުލަތަށް ނެގޭނެ މުދަލައި ފައިސާ ކަމަށެވެ. ދައުލަތުގެ މި ޖަވާބާއި ގުޅިގެން، ފަނޑިޔާރު ވިދާޅުވީ ދައުލަތުން ތުހުމަތު ކުރަނީ 1 މިލިއަން ޑޮލަށް ކަމަށާއި، މުޅި މިލްކިއްޔާތު ހިފެހެއްޓޭނެ ކަމާމެދު ދައުލަތުން ދެކޭގޮތް ހާމަކޮށްދެއްވުމަށެވެ. މިއާއެކު ދައުލަތުން ތަކުރާރުކޮށް ވިދާޅުވީ މުޅި މިލްކިއްޔާތު ހިފެހެއްޓިދާނެ ކަމަށެވެ.

ދައުލަތުގެ މި ޖަވާބުތަކާއި ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު އިތުރަށް ސުވާލުކުރެއްވީ އެފަދަ އަމުރަކަށް އެދުނުއިރު ހޯދަން މަސައްކަތް ކުރައްވަނީ ކިހާ ފައިސާއެއްކަން ދައުލަތުގެ ފަރާތުން ބަލައި، އެސްޓިމޭޓް ކުރައްވާފައި ވޭތޯއެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ، އަމުރަށް އެދުނުއިރު އެމްއެމްއޭއިން ވިދާޅުވާ އެއް މިލިއަނާ ގުޅިގެން އިތުރު މުއާމަލާތްތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއާއެކު ސުއޫދު ވަނީ ފުލުހުން ފާހަގަކުރި އިތުރު މުއާމަލާތްތަކަކީ ކޮބައިތޯ އައްސަވާފައެވެ. އެއާއެކު ފުލުހުން ވިދާޅުވީ، މުސާރައާއި ނުބައްދަލު މުއާމަލާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއާއެކު ސުއޫދު އެއްސެވީ ކޯޓު އަމުރަށް އެދުނުއިރު އެވާހަކަ ފާހަގަކުރައްވާފައި ނުވާތީއެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އަމުރަށް އެދުނުއިރު ފާހަގަކޮށްފަައިވަނީ ތަހްޤީޤު ފެށުނު މައްސަލައިގެ މައުލޫމާތު ކަމަށެވެ. މިއާއެކުވެސް ސުއޫދު ވަނީ އެތައް ސުވާލެއް ފުލުހުންނާ ކުރައްވާފައެވެ.

ސުއޫދު އިތުރައް އެއްސެވީ ދައުލަތަށް ހޯދަންޖެހޭ ފައިސާގެ އަދަދު އެއް މިލިއަން ކަމަށް އަމުރަށް އެދުނުއިރު ކަނޑައެޅިފައިވީހިނދު، އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ހިފަހައްޓަން އަމުރަށް އެދިފައިވަނީ ކީއްވެ، ކޮން އަސާސެއްގެ މައްޗަށް ކަމާމެދުގައެވެ. މި ސުވާލުގެ ޖަވާބުގައި އިތުރު މުއާމަލާތްތަކެއް ހިންގާފައިވެދާނެ ކަމަށް ބެލެވޭތީކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، އެފަދަ އެއްވެސް ކަމެއް އަމުރަށް އެދުނު އަމުރުގައި ފާހަގަކޮށްފައި ނެތްކަން ފަނޑިޔާރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

"ދެން ދުވަހަކަށް ތައްޔާރުވެވަޑައިގަތުން އެދެން." ފުލުހުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުވެވުމުން ފަނޑިޔާރު ހުސްނުއްސުއޫދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

މިއަދުގެ ޝަރިއަތުގެ މަޖިލިސް ނިންމަވާލެއްވީ މީގެ ކުރިން އިސްތިއުނާފު ރައްދުވާ ރައީސް ޔާމީނަށް ދައުލަތުން ދިނުމަށް އިންކާރުކޮށްފައިވާ އެމްއެމްއޭގެ އެސްޓީއާރުގެ އިތުރުން މައްސަލައާއި ގުޅުންހުރި ލިޔުންތައް، ރައީސް ޔާމީނަށް ފޯރުކޮށްދިނުމުން އިތުރު ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވުމަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
621
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ