ރައީސް ނަޝީދު އަދި ރައީސް ޞޯލިޙް ސަލާމް ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް އާއި ދެކޮޅަށް އެމްޑީޕީ ތެރޭން ހިމޭން ބަގާވާތެއް ކުރަނީ!

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ކަނޑައެޅި ރިޔާސީކެންޑިޓޭޑް އިބްރާހީމް މުޙައްމަދު ސޯލިޙު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވަނިކޮށް (ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާ) އަށް އަމަލު ނުކޮށް އެމާއްދާ ބަލައިނުގަނެ އެމްޑީޕީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއާއި ދެކޮޅަށް ޕާޓީގެ ތެރެއިން ހިމޭން ބަޣާވާތް ކުރަމުންދާ ކަމަށް އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ.

ފުރަހަނި ޝުޢައިބު މިހެން ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަޤާމަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙު އަށް އެޑްރެސް ކުރައްވައި ފުރަހަނި ޝުޢައިބު ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީގެ ޗެއަރޕަރސަންގެ މަޤާމުގައި ހުނެންވި ހަސަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަޤާމެއްގައި ހުންނެވި ފަރާތެއް، އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙުކަމަށް ޤަބޫލުނުކުރައްވާ ހިނދު މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއްކަމުގައި އޭނާ ދެކޭ ކަމަށެވެ.

އެހެންކަމުން މިފަދަ ނުރައްކާތެރި ކޮވިޑްގެ ޙާލަތާއި އަދި ސަރުކާރާ ރައީސުލް ޖުމްހޫރިއްޔާއާއިމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއަރޕަރސަން ހަސަން ލަތީފް މިހާރުން މިހާރަށް މަޤާމުން ދުރުކޮށް ދެއްވުމަށް އެދި ދަންނަވާފައިވެސް ވެއެވެ.

"އިރެއްގައި ކިތަންމެ އިޚްލާސްތެރި މީހެއްކަމުގައިވިޔަސް އިންސާނުންނަކީ ޙާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާބަޔެއްކަން އިނގޭހިދު މިފަދަ ޣައްދާރު ޢަމަލުތަކުން އެމްޑީޕީ ގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަސާސީ ޤާވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީއަށް ކުރިމަގު ލިބޭނެކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރަން" ފުރަހަނި ޝުޢައިބު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި މީގެ ކުރިން ވަނީ ފުރަހަނި ޝުޢައިބު އެދިފައިކަންވެސް ފާހަގަކުރަމެވެ.

މިލިޔުން ކިޔާލުމުން
46
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ