މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތ. ކިނބިދޫން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 19:44 އެހާކަންހާއިރުކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކިނބިދޫ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެންކަމުގައި ފުލުހުން ވިދާޅުވެއެވެ.
މި މައްސަލާގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅު ފެނިފައިވަނީ އެމީހާ ހުއްޓުވައި، ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއި ގުޅިގެން އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
								
											

