އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް ސޯލިހް

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސްފަރާތަކީ ކާކު ކަމާއިމެދު މިހާރު ކުރެވެމުންދާ ބަހުސްގެ ތެރެއިން އެ ޕާޓީގެ އެންމެ އިސްފަރާތަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނުސީދާ ގޮތެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ ވެބްސައިޓު ޓުވިޓާގައި އީސީ ޝަރީފް ޓެގުކުރައްވާ އެމްޑީޕީގެ އެންމެ އިސްފަރާތަކީ ކޮބައިތޯ މީސްމީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ކުރި ސުވާލަކަށް ޖަވާބު ދެމުން އީސީ ޝަރީފް ވިދާޅުވީ، އިލެކްޝަން ކޮމިޝަން (އީސީ) އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްފަރާތަކީ ކޮންފަރާތެއްތޯ ކަނޑައަޅާ މުއައްސަސާއެއް ނޫންކަމަށެވެ. އެކަން އިނގޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިދު އޮންނަ ގޮތަކުން ކަމަށެވެ.

އީސީ ޝަރީފް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ހަވަނަ ބާބުގެ މާއްދާތަކުން ޕާޓީގެ އެންމެ އިސްފަރާތަކީ ކާކުކަން އިނގެން އެބައޮތް ކަމަށެވެ.

އީސީ ޝަރީފް ހަވާލާދިން އެމްޑީޕީގެ އަސާސީ ގަވާއިދުގެ ހަވަނަ ބާބުގައި ޕާޓީގެ އެންމެ އިސްފަރާތެއް ކަމުގައި ބުނެފައިވަނީ، "ޕާޓީގެ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސްފަރާތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައިސްއެވެ." މިހެންނެވެ.

އެމްޑީޕީގެ އެންމެ އިސްފަރާތާއި މެދު ސުވާލު އުފެދިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސްމަގާމު ކަމުގައި މިފަހުން ބުނުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ