އިންގްލިޝް ޕްރިމިއާ ލީގު 2020-21 ސީޒަންގެ ފުރަތަމަ މެޗުން ޗެލްސީ މޮޅުވެއްޖެއެވެ.
ފާމާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ބްރއިޓަންގެ މައްޗަށް ޗެލްސީއިން ކުރި ހޯދާފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލިބުނު ޕެނަލްޓީއަކުން ޗެލްސީއަކުން ކާމިޔާބުކުރިއިރު، ބްރައިޓަންގެ ކީޕަރު ރާޔަން ޗެލްސީގެ ފޯވާޑު ވާނާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިިޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. 23 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ޗެލްސީ ކުރީގައި އޮވެއެވެ.
ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފު ފެށި މާގިނައިރުތަކެއްނުވެ ބްރައިޓަންއިންވަނީ ޗެލްސީ ހައިރާންކޮށްލުމަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 54 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ޓްރޮސާޑެވެ. ޓްރޮސާޑް މިލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ ބްރައިޓަން ނަތީޖާ ހަމަހަމަކުރިތާ ދެ މިނަޓް ފަހުންނެވެ. މެޗުގެ 56 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރީސޭ ޖޭމްސް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. ރީސޭ ޖޭމްސްގެ މިލަނޑަކީވެސް ޕެނަލްޓީ އޭރިއާބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.
Now, that's how to score your first @premierleague goal!@reecejames_24! ? #BHACHE pic.twitter.com/ApoOTyg4aW
— Chelsea FC (@ChelseaFC) September 14, 2020
އޭގެ ދިހަ މިނަޓްފަހުން ޗެލްސީއިން ލީޑު އިތުރަށް ފުޅާކުރީ ލިބުނު ކޯނަރެއްގައި ކާޓް ޒޫމާ ޖަހައިދިން ލަނޑުންނެވެ. ކޯނަރުން ހުރަސްވި ބޯޅަ ޒޫމާ ފޮނުވާލިއިރު، އެބޯޅަ ބްރައިޓަންގެ ގޯލަށް ވަދެގެންދިޔައީ އެކްލަބުގެ ޑިފެންޑަރު ވެބްސްޓާ ފައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ، ބްރައިޓަން ދަނޑުގައި އެކްލަބު ބަލި ކުރުމަކީ އުނދަގޫ މަސައްކަތެއްކަމަށާއި، ރޭގެ މެޗަށް ޗެލްސީގެ ގިނަ ކުޅުންތެރިން ފިޓް ނޫންއިރު، ލިބުނު ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅުން ރަނގަޅުކޮށް ޓީމު އިތުރަށް ވަރުގަދަވާނެކަމަށް އުންމީދުކުރާކަމަށްވެސް ލަމްޕާޑު ބުންޏެވެ.



