ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައި ވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައެވެ.
މި ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޑިމޮކްރެސީ ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާ މިދުވަސްވަރަކީ، ރާއްޖޭގެ އިޖްތިމާޢީ ޙަޔާތުގައި، ދުވަހަކުވެސް ތަޖްރިބާ ކޮށްފައިނުވާ ފަދަ ބިރުވެރި ނުރައްކާތެރި ރޯގާއެއް އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާއި މި ރޯގާގެ ބަލިމަޑުކަން މުޅި ދުނިޔެ މިދަނީ ތަޙައްމަލުކުރަމުން ކަމަށެވެ.
"ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު. ދިވެހިރާއްޖޭގެ އައު ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފައި، ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި، ދައުލަތް ހިންގުމުގައި، ވެރިކަން ކުރުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ވަކި ކުރެވިފައި އޮންނަންޖެހޭއިރު، ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުން." އިކެޝަންސް ކޮމިޝަނުން ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއް. އެހެންކަމުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ދިންމާއެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށާއި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެ ކަމަށާއި އެހެންކަމުން، މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މިނިވަން މި މާނަކުރެވެނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ލިބުމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ބޭއްވޭ އިންތިޚާބުތަކަށް. ޢަދުލުވެރި މިބަހުގެ މުރާދަކީ، ވަކިފަރާތަކަށް ޖެހުމެއްނެތި އިންސާފުވެރިކަމާއިއެކު އިންތިޚާބުގެ ހުރިހާ ކަމެއް ހިންގުން. މިނިވަން ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި މީޑިޔާއަށާއި އިންތިޚާބު އޮބްޒަރވްކުރާ ފަރާތްތަކަށް އިންތިޚާބު ހިނގަމުންދާ ގޮތް ބެލުމުގެ ފުރުޞަތު އޮވޭ." އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްސަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، އިންތިޚާބުތަކުގައި ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށާއި ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި ވަކިމީހަކަށް ވޯޓުވައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެ ކަމަށެވެ. އަދި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށާއި ދިމުޤްރާޠީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށެވެ.
ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭ ކަމަށާއި އެހެންކަމުން، އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން އަޅުގަނޑުމެން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ދިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ ކަމަށާއި މުޖްތަމަޢަކީ އެއްބަޔެއްގެ ގޮތުގައި ތަރުބިއްޔަތުވެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރަނގަޅު ސިފަ މުޖްތަމަޢުގައި އަށަގެންނެވުމަކީ އެންމެންގެ ޛިންމާއެއްކަމުގައި ދެކެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.



