އެންޑީއެމްއޭ އޮޑިޓް: އެއްބަސްވުމެއް ނެތް، އެކޮމެޑޭޝަނަށް އިތުރަށް ފައިސާ ދައްކާފައިވޭ

ކޮވިޑް-19 ގެެއޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަން ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ،، ގެސްޓްހައުސްތަކުގައި މީހުން ބައިތިއްބާފައި ވަނީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީކަމަށް "ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް" ތަކުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ވަކި ރޭޓެއް ކަނޑައަޅާފައިވާކަން ލިޔެ ކިޔުމުން އެގެން ނެތްކަމަށެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުން ބުނެފައިވާގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ ފަރާތްތަކާއި އެކަހެރި ކުރަންޖެހޭ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެކަމަޑޭޝަން ހަމަ ޖެއްސުމަށް ރިސޯޓުތަކާއި، މާލެ އާއި ހުޅުމާލޭގެ ގެސްޓް ހައުސްތަކުގެ ތެރެއިން ކުއްޔަށް ހިފި ތަންތަނަށް 30 ޖޫން 2010 ގެ ނިޔަލަށް، ޖުމުލަ 35,886,412 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

"އެކަމަޑޭޝަންގެ ގޮތުގައި ގެސްޓް ހައުސް ތަކުގައި މީހުން ބޭތިއްބުމަށް 30 ޖޫން 2020 ގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16,737,338 (ސޯޅަ މިލިއަން ހަތް ސަތޭކަ ތިރީސް ހަތް ހާސް ތިން ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ގެސްޓް ހައުސްތައް ހަމަ ޖެއްސުމުގައި ދެ ފަރާތުން އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވުމުގެ ސަބަބުން އެކި ގެސްޓް ހައުސްތަކުން ފޯރުކޮށްދޭން ޖެހެނީ ކޮން ޚިދުމަތްތަކެއްކަމާއި އެ ޚިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައި ކަން އެނގެން ނެތްކަން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، އެކި ގެސްޓްހައުސް ތަކުން އެކި ރޭޓުން ބިލްކޮށްފައި ވާކަމާއި، ލޯންޑްރީ ސާރވިސް އަދި އެކްސްޓްރާ ބެޑް، އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ޚިދުމަތްތަކަށް ދައުލަތުން އިތުރު ޚަރަދު ކުރަންޖެހުނުކަން ފާހަގަކުރަމެވެ. އެއްބަސްވުން ހަދާފައިނުވާ ޙާލަތުގައި ފައިސާ ދައްކަންވާނީ ބޭނުންކުރެވުނު ކޮޓަރީގެ އަދަދަށް އެ ކޮޓަރިތައް ބޭނުންކުރެވުނު މުއްދަތަށްކަމުގައި މި އޮފީހުން ދެކެމެވެ." އެންޑީއެމްއޭ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ