އެންޑީއެމްއޭއިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބުނުކަން ކަށަވަރު ނުކުރެވޭ: އޮޑިިޓު

ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބިފައިވާކަން ކަށަވަރު ނުކުރެވޭކަމަށް ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

އެގޮތުން މި ރިޕޯރޓްގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ރިކޯޑުކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރިކޯޑުކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށް ފަހުގައިކަމަށާއި، ނަމަވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އަށް އޯޑަރުކޮށްފައިވާ ޖުމުލަ 22,437,177 (ބާވީސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް)
ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ލިބުނުކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

އަދި މިތަކެތި ލިބުނުކަމަށް ސިސްޓަމުގައި ރެކޯޑުކޮށްފައިވަނީ މި ތަކެއްޗަށް އެޑްވާންސްކޮށް ފައިސާ ހޯދުމަށް އެސް.ޓީ.އޯ އިން ފޮނުވާފައިވާ ސިޓީއަކީ އިންވޮއިސް ކަމަށް ބަލައި ސިސްޓަމްގައި އެގޮތަށް ރިކޯޑުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

ނޭޝަނަލް އެމަޖެންސީ މެޑިކަލް ސްޓޮކަށް ތަކެތި ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ދެމެދު 16 އޭޕްރިލް 2020 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެން.ޑީ.އެމް.އޭއިން ކޯޓޭޝަން އެޕްރޫވް ކުރުމުން އެ ކޯޓޭޝަންތަކުގެ ޖުމުލަ އަގު (100%) އެޑްވާންސްގެ ގޮތުގައި ދޭންވާނެކަމަށް ބަޔާންކޮށްފައިވިއަސް މި އެއްބަސްވުމުގެ ދަށުން އޯޑަރު ކުރެވުނު ތަކެތި ސަޕްލައި ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިނުވާކަމަށްވެސް ރިޕޯރޓްގައިވެއެވެ. އަދި އެސް.ޓީ.އޯއަށް ފޮނުވާފައިވާ ޕާޗޭސް އޯޑަރުތަކުގައިވެސް ތަކެތި ސަޕްލައި ކުރަންޖެހޭ ތާރީޚު ބަޔާންކޮށްފައިނުވާކަންވެސްވަނީ ފާހަގަކޮށްފައެވެ.

އަދި  އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށްފަހުގައި މެނުވީ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ތަކެތި ލިބުނު ކަމަށް ރިކޯޑު ނުކުރުމަށާއި، ތަކެތި ލިބުގެ ކުރިން، އެތަކެތި ލިބުނުކަމަށް ސިސްޓަމުގައި ރެކޯޑުކޮށްފައިވާ މުޢާމަލާތްތަކުގެ އިންވޮއިސް އަދި ޑެލިވަރީ ނޯޓު ހޯދައި އެ މަޢުލޫމާތު ސިސްޓަމުގެ ރެކޯޑާއި އަޅާކިޔައި އެއްވެސް އެއްޗެއް އޯޑަރުކުރި އަދަދަށް ނުލިބިވާނަމަ އެތަކެއްޗަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ