އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

އެމްޑީޕީ އިން ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ނިންމީ ވައްކަން ކުރާ މީހުން ހޯދަން: ރޮޒައިނާ

އެމްޑީޕީ އިން ކޮވިޑް ހަރަދުތައް އޮޑިޓް ކުރަން ނިންމީ ވައްކަން ކުރާ މީހުން ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އާދަމް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވުމާއި ގުޅިގެންނެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އިން ހުށައަޅައިގެން، އެމްޑީޕީގެ 65 މެންބަރުން ތިބި މަޖިލީހަކުން، ކޮވިޑް-19 ހަރަދުތައް އޮޑިޓް ކުރަން ފާސް ކުރީ ވައްކަން ކުރާ މީހުން ހޯދަން ކަމަށާއި މިއީ ޕީޕީއެމް އަދި ޕީއެންސީ އިން ބުނެގެން ކުރި އޮޑީޓެއް ނޫން ކަމަށެވެ.

އެމްޑީޕީ އިން ވައްކަން ކުރަން ބޭނުން ނަމަ އެގޮތައް ފާހެއް ނުކުރާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައްކަމާއި ދެކޮޅު ކަމަށާއި އޮޑީޓާ ޖެނެރަލް މިއަދު މިނިވަން ކަމުގައި ރޮޒައިނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ކޮވިޑް-19 ގެެ އޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަމާއި ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން ހާމަވެފައިވެއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން 34 ގެސްޓު ހައުސްއަކަށް 16 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށާއި އެންޑީއެމްއޭ) އިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބިފައިވާކަން ކަށަވަރު ނުކުރެވޭކަމަށް ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފައި ވެއެވެ.

އެގޮތުން މި ރިޕޯރޓްގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ރިކޯޑުކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރިކޯޑުކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށް ފަހުގައިކަމަށާއި، ނަމަވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އަށް އޯޑަރުކޮށްފައިވާ ޖުމުލަ 22,437,177 (ބާވީސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ލިބުނުކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ