ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި: އޮޑިޓު

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑް-19 ގައި ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗު 2020 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ދެމެދު ވެފައިވާ "ހޭންޑް އޯވަރ" އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން ޖުމްލަ 42,071 (ސާޅީސް ދެހާސް ހަތްދިހަ އެކެއް) އަކަ ފޫޓުގެ ބިމާއި އެ ބިމުގައިވާ އިމާރާތްތައް އެން.ޑީ.އެމް.އޭއާ ހަވާލުކޮށްފައިވާކަމަށާއި، ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އިން ދޫކޮށްފައިވާ، 4,315,153.75 (ހަތަރު މިލިއަން ތިން ސަތޭކަ ފަނަރަ ހާސް އެއް ސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރު / ހަތްދިހަފަސް ސެންޓް) ގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަން ފާހަގަކުރެވޭކަމަށެވެ.

އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ޙައްޤު މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/702 (14 ޑިސެމްބަރު 2016) ޤަޟިއްޔާއިން ދީފައިވާކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން، އެޗް.ޑީ.ސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ދެމެދު 24 މާރޗު 2020 ގައި ހޭންޑް އޯޑަރ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިގޮތުން ހެދުނު އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓް ސްޓްރަކްޗަރއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މި އެއްބަސްވުމުގެ މުއްދަތަކީ 3 (ތިނެއް) މަސް ދުވަސްކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މި ތަނަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަންވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އަދި
އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެން.ޑީ.އެމް.އޭއިން މައުލޫމާތު ދީފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ޚަރަދުކުރުން އެކަށީގެންވާތީވެ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެބިމާ އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދަންނަވާފައިވާއިރު، ދައުލަތުން މި ތަނަށް ހޯދި މުދަލުގެ ތަފްސީލު އެނގޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބެލެހެއްޓުމަށްވެސްވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ