ރާއްޖޭގެ ސަރުކާރުން އިންޑިއާގެ އަވަށްގަނޑަކަށް ރާއްޖެ ހެދިދާނެކަމަށް ހީފުޅުނުކުރެއްވުމަށާއި އަދި ރާއްޖެއަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ތަރިކަ މުދަލެއް ނޫންކަމަށް ގޮވާލާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ވާހަކަފުޅުދައްކަވައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށް ފައްޓަވާފައިވާ މަޝްރޫއުތަކުގެ އިތުރުން އާ މަޝްރޫއެއް މިއަދުގެ ސަރުކާރުން ނުހިންގާކަމަށާއި، މިއަދުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަސްލަކީ ރާއްޖެ އަޅުވެތިކުރުމުގެ މަސައްކަތްކަމަށެވެ.
"އިންޑިއާގެ ބީޕޭޖީ ސަރުކާރުގެ ހުންނަ ބޮޑު ވަޒީފު، މޯދީގެ މުށުތެރެއަށް ދިވެހިރާއްޖެ ގެންގޮސް ގުޅަކޮށްފަ ލައިދޭންވެގެން އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކެއް މި ކުރަނީ" އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރާއްޖެ އިންޑިއާއަށް ވިއްކާލުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ރައީސް ސާލިހް އިންޑިއާއަށް ދިއުމަށް ދާ ދަތުރަށް ތައްޔާރުވަމުން އެބަދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާއެއް ތެރޭގައި މި ދަތުރު ފައްޓަވާނެކަމަށެ.
އަދުރޭ ވިދާޅުވީ، ރައްޔިތުން ކަންބޮޑުވަނީ ސަރުކާރުން މިކަންކަން މިގޮތަށް ކުރައްވާތީކަމަށެވެ.



