ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތައް އަލް އަގްސާ މިސްކިތް ބަންދު ކުރުމަށް ނިންމައިފައިވާ ކަމަށް އަގްސާ މިސްކިތް ބަލަހައްޓާ ވަގްފް އޮތޯރިޓީއިން ބުނެފިއެވެ.
އެ އޮތޯރެޓީއިން ސިއްހީ އިސް ފަރާތްތަކާއި މަޝްވަރާކޮށް މިގޮތަށް ނިންމައިފައިވަނީ، އިޒްރޭލާއި އަދި ފަލަސްތީނުގައިވެސް ކޮވިޑް-19 އަނެއްކާވެސް ފެތުރެން ފަށައިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.
ވަގްފް އޮތޯރެޓީގެ މެންބަރެއް ކަމަށްވާ ހާތިމް އަބްދުލް ގާދިރު މީޑިއާއަށް ވާހަކަދައްކަމުން ބުނެފައިވަނީ، މިސްކިތައް ނަމާދަށް އަންނަ ފަރާތްތަކަށް މިސްކިތް ބަންދުކުރަން ޖެހުނު ސަބަބު ވިސްނޭނެ ކަމަށް އުންމީދުކުރާ ކަމަށާއި މިފިޔަވަޅު އަޅައިފައިވަނީ އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
އަގްސާ މިސްކިތް ތިންހަފްތާގެ މުއްދަތައް ބަންދުކުރިކަން އިއުލާން ކޮށްފައި މިވަނީ އަގްސާ މިސްކިތް ހިމެނޭ ސަރަހައްދު އެބަޔެއްގެ ބާރުގެ ދަށަށް ގެނެސްފައިވާ އިޒްރޭލުން އެގައުމު ތިން ހަފްތާގެ މުއްދަތައް ފުރަބަންދު ކުރުމަށް ނިންމިކަންވެސް އިއުލާން ކޮށްފައި ވަނިކޮށެވެ.
އަގްސާ މިސްކިތް އަޅުކަން ކުރުމަށް އަންނަ ފަރާތްތަކަށް ބަންދު ކުރިނަމަވެސް މިސްކިތުން ބަންގި ގޮވާނެ ކަމަށާއި އަދި މިސްކިތް ބަލަހައްޓާ ވަގްފް އޮތޯރެޓީގެ މުވައްޒަފުން މިސްކިތުގައި ނަމާދު ކުރާނެ ކަމަށް ވަގުފް އޮތޯރެޓީއިން މައުލޫމާތު ދެއެވެ.



