ޕީއެސްޖީގެ ނޭމާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ނޭމާއަށް ސަސްޕެންޝަން އައިސްފައި މިވަނީ ފްރާންސްގެ ކްލެސިކޭގެ ނަމުން މަޝްހޫރު ވެފައިވާ ޕީއެސްޖީ އާއި މާސޭ ބައްދަލުކުރި މެޗުގައި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ. ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންނެވެ. މެޗަށް ފަހު ނޭމާ އެނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނަގެ މޫނުގައި ކަމަށެވެ.
ނަމަވެސް ނަސްލީ ގޮތުން ނޭމާއާއި ދިމާކުރިކަން ގޮންޒަލޭޒް ދޮގު ކުރެއެވެ. ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަން އައިސްފައިވާއިރު، ނަސްލީ ގޮތުން ނޭމާއާއި ދިމާކުރި މައްސަލަވެސް ބަލަމުންދާކަން ފްރާންސްގެ ފުޓްބޯލް އެންމެ އިސް އިދާރާއިންވަނީ ޔަޤީންކޮށްދީފައެވެ. ނަސްލީ ގޮތުން ދިމާކޮށްފިނަމަ ފްރެންޗް ލީގުގެ ގަވާއިދުގައިވާ ގޮތުން 10 މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ގިނަ ހަމަނުޖެހުންތަކެއް ފެނިގެންދިޔަ އެމެޗުގައި ނޭމާ ހިމެނޭ ގޮތަށް ޕީއެސްޖީގެ ތިން ކުޅުންތެރިންނާއި މާސޭގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކާފަައިވެއެވެ.
އެމެޗުން ޕީއެސްޖީގެ މައްޗަށް މާސޭއިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.




