"ކީއްވެ ތިހެން ތި ހެދީ؟" ތުރުތުރު އަޅާ އަޑަކުން މިއުވާން ސުވާލުކޮށްލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.
މިއުވާންގެ އަޑު އިވުމާއެކު އެމީހާ ކުއްލިއަކަށް މިއުވާނާ ދިމާއަށް އެނބުރުނެވެ. އެވަގުތު ރޯވެފައި ހުރި އަލިފާންގަނޑުގެ އަލީގެ ސަބަބުން އެމީހާގެ މޫނު ވަރަށް ސާފުކޮށް މިއުވާނަށް ފެނުނެވެ. އެމީހާގެ ކަނާތު ލޯ ފެނިފައި އެއީ ކާކުކަން މިއުވާނަށް ވަގުތުން އެނގުނެވެ.
"އާސިމް؟" ލިބުނު ހައިރާންކަން މިއުވާންގެ މޫނުމަތިންވެސް ފާޅުވާން ހުއްޓެވެ.
"އާނ. މިއީ އާސިމް. އަހަރެން އެނގިއްޖެ ދޯ؟ ނޭނގިއެއް ނުހުންނާނެތާ. މިއިނީ ހަމަ އެއްކަލަ ލޯ ވިއްޔަ ދޯ؟" ކަނާތު ލޮލަށް އިޝާރާތްކޮށްލަމުން އާސިމް ބުންޏެވެ. އޭރު އޭނާގެ އަޑުގައި ވޭނީ އިޙުސާސެއް އެކުލެވިފައި ހުއްޓެވެ.
"އެކަމަކު ކީއްވެ އަހަންނާމެދު ތިގޮތަށް ކަންތައް ތި ކުރަނީ؟" ދެރަވެލާފައި މިއުވާން ސުވާލުކޮށްލިއެވެ. ޙަޤީޤަތުގައިވެސް އާސިމް އޭނާއާ މެދު އެގޮތަށް ޢަމަލުކުރަން ޖެހުނު ސަބަބެއް މިއުވާނަކަށް ނޭނގުނެވެ. އާސިމްއާ ދިމާނުވާތާވެސް މިހާރު ނަވާވީސް އަހަރު ވެދާނެއެވެ.
"ހަމަ ނޭނގިގެންތަ ތި އަހަނީ؟" ޖަވާބުގައި އާސިމްވެސް ކޮށްލީ ސުވާލެކެވެ. އެވަގުތު މިއުވާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެހިސާބުން އާސިމް މާޒީގެ ޞަފްޙާތައް ހުޅުވާލިއެވެ.
އާސިމްއަކީ ރާއްޖެތެރޭގެ ރަށެއްގެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ރަށުން އޭލެވެލް ނިންމުމަށްފަހު އޭނާ މާލެ އައީ ބިޒްނަސްގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ މަތިވެރި މަޤުސަދުގައެވެ. މާލެ އައިސް އޭނާ ހުރީ ކުދިން ބަހައްޓާ ގެއެއްގައެވެ. އާސިމްއަކީ ތޫނުފިލި ކުއްޖެކެވެ. ނަމަވެސް އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ސިފައިގެ ސަބަބުން އެންމެ ކުޑައިރުއްސުރެވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރަށް ކުޑައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާއަކީ އުފެދުމުގައި އޭނާގެ އުމުރުގެ އެހެން ކުދިންނަށްވުރެ އެތައް ތަނެއް އިސްކޮޅުން ކުރު، އަދި ހަށިގަނޑާ އަޅާ ބަލާއިރު ބޯ ބޮޑުކޮށް ހުންނަ ކުއްޖެކެވެ. އޭގެ އިތުރުން އޭނާގެ ކަނާތު ލޯ އިންނަނީ ވާތު ލޮލަށްވުރެ ކުޑަކޮށެވެ. އަދި އެ ލޮލުގެ ކަޅިވެސް އިންނަނީ އަޅި ކުލައިގައެވެ. އޭގެ ސަބަބުން ތަންކޮޅެއް ކުޑައިރު ބައެއް ކުދިން އޭނާ ފެންނައިރަށް ބިރުން ފިލާ ހަދައެވެ. އަދި އޭނާއާ ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހި ކުރަންވެސް ޖެހިލުންވެއެވެ. އެހެންކަމުން އުމުރުގެ އެހިސާބަށް އައި އިރު އޭނާގެ ރައްޓެހިން އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ.
ރަށްފުށުގެ ދިރިއުޅުމާއި މާލޭގެ މީހުންގެ ދިރިއުޅުން އުޑާއި ބިމާހާ ތަފާތުކަން އާސިމް މާލޭގައި ފައި އެޅި ފުރަތަމަ ދުވަހުވެސް ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ ދިޔައީ ކަންކަން ބަލާ ދަސްކުރަމުންނެވެ.
ކޮލެޖްގެ ކިޔެވުމުގެ ފުރަތަމަ ދުވަހެވެ. އޮރިއެންޓޭޝަންއަށް ދިޔަ ދުވަހު އޭނާ ވަނީ ކޮލެޖްގެ ތަންތަން ވަރަށް ރަނގަޅަށް ބަލާ ދަސްކޮށްފައެވެ. އެހެންކަމުން ޓައިމްޓޭބަލްގައި ފުރަތަމަ ގަޑިއަށް ދާން އޮތް ކްލާސް އޭނާއަށް އެނގެއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އާސިމް ގޮސް ކްލާސްތެރެއަށްވަނެވެ. އޭރު ކްލާހުގެ ގިނަ ގޮނޑިތައް ހުރީ ފުރިފައެވެ. ނަމަވެސް ޓީޗަރެއް ނެތެވެ. ބައެއް ކުދިން ތިބީ އޮލަ ވާހަކައިގައެވެ. އާސިމް ފުރަތަމަ ކްލާސް ތެރެއަށް އެޅި ފިޔަވަޅާއެކު ކުއްލިއަކަށް އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ. ހީވަނީ ދުވަހަކު ނުފެންނަ އައު އެއްޗެއް ފެނިގެން އުޅޭ ހެންނެވެ. އެހެންކަމުން ގަތް ލަދެއްގެ ބޮޑުކަމުން އިސްދަށަށް ޖަހައިގެން މަޑުމަޑުން ހިނގާފައި ގޮސް ފަހަތުން ދެވަނަ ބަރީގައި އެއްވެސް ކުއްޖަކު ނެތް ހިސާބެއްގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނެވެ. އޭރު އެ ގޮނޑިއާ ދިމާއިން އެންމެ ފަހަތު ބަރީގައި ފަސް ފިރިހެން ކުދިން ތިއްބެވެ.
"އޭލިއަންއެއްތަ؟" ފަހަތުން ކުއްޖަކު ބުނެލި އަޑު އާސިމަށް އިވުނެވެ. އަދި އެކުއްޖަކު އެހެން ބުނެ ނިމުނުތަނާހެން ދެން ތިބި ކުދިން ހީގަތް އަޑުވެސް އޭނާއަށް ވަރަށް ސާފުކޮށް އިވުނެވެ.
ރަށުގައި އުޅުނުއިރު ރައްޓެހިން ނުލިބުނު ނަމަވެސް ކުދިން ފާޑުފާޑު ނަންނަމުން އޭނާއަށް ގޮވައެއް ނުހަދައެވެ. ރަށުގައި އެކަކު އަނެކަކު ރަނގަޅަށް ދަންނާތީކަންނޭނގެއެވެ. ވަނަމަކުން މީހަކު އޭނާއަށް މުޚާޠިބުކުރި އެއީ ފުރަތަމަ ފަހަރެވެ. އެކަމާ އޭނާ ވަރަށް ލަދުގަތެވެ. އެއާ އެއްވަރަށް ދެރަވެސް ވިއެވެ. އަދި ވަގުތުން ފެންކަޅި ވިޔެވެ. ނަމަވެސް އޭނާ އިތުރަށް އެއްވެސް ދިމާއަކަށް ބަލާވެސް ނުލައެވެ.
އެއީ ހަނގާކުރުމުގެ ފެށުމެވެ. ކޮންމެ ދުވަހަކު ކްލާހުގެ އެ ގްރޫޕް ކުދިން އޭނާއާ ދިމާއަށް ބަލަބަލާފައި ކޮންމެވެސް އެއްޗެކޭ ކިޔާފައި ހެޔެވެ. ބައެއް ފަހަރު އަޑު ވީއްލާ ބުނާ އެއްޗެހިން ކްލާސް އެހެންކުދިންވެސް އެމީހުންނާ ބައިވެގެން ހެޔެވެ. އެ ގްރޫޕަކީ މުޅި ބެޗްގައިވެސް ވަރަށް މަޝްހޫރު ގްރޫޕެކެވެ. އެ ގްރޫޕްގައި އެންމެ އިސްކޮށް ހުންނަނީ މިއުވާންއެވެ. އޭނާއަކީ އަންހެން ކުދިންގެ މެދުގައިވެސް ވަރަށް މަޝްހޫރު ކުއްޖެކެވެ. އަދި ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައިވެސް އޭނާގެ ނަން އުޅެނީ އެންމެ ކުރީގައެވެ. އެހެންކަމުން އޭނާއަކީ ހުރިހާ ޓީޗަރުންވެސް ވަރަށް ގަޔާވާ ކުއްޖެކެވެ.
ހަނގާކުރުމުގެ ސިލްސިލާ ދުވަހެއް ދުވަހަކަށްވުރެ ދިޔައީ އިތުރުވަމުންނެވެ. ބައެއް ފަހަރު އާސިމް ބްރޭކް ގަޑީގައި ކެންޓީނަށް ދާއިރު އެތަނުން ދިމާވެގެންވެސް މިއުވާންމެން ފާޑުފާޑުގެ ނަންނަމުން އޭނާއަށް ގޮވާހަދައެވެ. އެކަމާ ކިތަންމެ ދެރަވިނަމަވެސް އޭނާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އޭނާގެ ދިފާޢުގައި އެއްޗެއް ބުނާނެ އެއްވެސް މީހެއްވެސް ނުހުރެއެވެ. އެހެންކަމުން ފަހުން ފަހުން ކިތަންމެ ބަނޑުހައިވީނަމަވެސް އޭނާ ކެންޓީނަށް ނުގޮސްވޭތޯ ބަލަން ފެށިއެވެ. މީހުން ކޮންމެ އެއްޗެއްކީނަމަވެސް ކެތް ކުރެވޭތޯ ބެލިއެވެ. ސަބަބަކީ އޭނާގެ މަޤުސަދަކީ ކިޔަވައިގެން މޮޅު މީހަކަށްވެ، މަންމަމެން ފަޚުރުވެރިވާފަދަ ދަރިއކަށްވުމެވެ. ބައެއް ފަހަރު ދެރަވެގެން ރޮވެޔެވެ. އަދި ކިޔެވުން ހުއްޓާލާފައި ރަށަށް ދާންވެސް ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އޭނާ އެތަނަށް އައި މަޤުސަދު އަމިއްލަ ނަފްސަށް ހަނދާންކޮށްދީގެން ޢަޒުމު އާކުރެވޭތޯ ބަލަޔެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ހަތަރެއް ޖަހާއިރު އޮތް ކްލާހަށް އާސިމް ކޮލެޖަށް ތަންކޮޅެއް އަވަހަށް ދިޔައެވެ. ފިލާވަޅެއް ހެދުމަށްޓަކައި ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށްޓަކައި ލައިބްރަރީއަށް ދިއުމުގެ މަޤުސަދުގައެވެ. ކޮލެޖަށް ވަތް ވަގުތު ކޮލެޖްގެ އެންމެ ތިރީގައި ހާމައަށް އޮންނަ ބައިގައި ބަހައްޓާފައި ހުންނަ ބެންޗުތަކުން ބެންޗެއްގައި މިއުވާނާއި އޭނާގެ ބައިވެރިން ތިއްބާ އާސިމްގެ ލޮލުގައި އަޅައިގަތެވެ. އެހެންކަމުން އެމީހުންނަށް ނުފެނި ދެވޭތޯ ވީހާވެސް ދުރުން އާސިމް އަވަހަށް އެތެރެއަށް ހިނގައިގަތެވެ. ނަމަވެސް އެމީހުންގެ ރާޑަރަށް ނާރާ އޭނާއަށް އެތަނުން ދެވޭގޮތެއް ނުވިއެވެ. ތަންކޮޅަކަށް ދެވުނުތަނާ އެމީހުން އޭނާއަށް އާންމުކޮށް މުޚާޠިބުކުރާ "އޭލިއަން" ގެ ނަމުން އެތަނުން މީހަކު ގޮވާލި އަޑު އިވުނެވެ. އެހެންކަމުން އަޅާނުލާ ދާން ނުކެރިގެން އޭނާ އެނބުރިފައި ބަލާލިއެވެ. އަދި މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. އޭރު އެ ގްރޫޕްގެ ފަސް މީހުންގެ އިތުރުން ތިން އަންހެންކުއްޖަކުވެސް އެތަނުގައި ތިއްބެވެ. އޭނާ ކައިރިވި އިރުވެސް އެމީހުން ސިއްރުން ކޮންމެވެސް އެއްޗެއް ކިޔާފައި ހޭ ކަން އޭނާއަށް އެނގުނެވެ.
"މި ނަދާ އޭލިއަންއަށް ސަލާމް ބުނި. އެހެންވެ އެވާހަކަ ބުނެލަންވެގެން މި ގޮވާލީ." ފާޑަކަށް ހެވިފައި އިނދެ އެ ގްރޫޕްގެ އެކަކު ބުންޏެވެ. އެވަގުތު ނަދާ އިނދެފައި އޭނާ ކައިރީގައި އޮތް ފޮތެއް ނެގުމަށްފަހު އެކުއްޖާގެ ގައިގައި ބާރަށް ޖެހިއެވެ.
"އެއީ ދޮގެއް." އަދި އަވަސް އަވަހަށް އާސިމްއާ ދިމާއަށް ބަލާލާފައި ނަދާ އެކަމާ އިންކާރުކުރިއެވެ.
"ތިމީހުންނަށް އެނގޭތަ އަސްލު އޭލިއަން އޭލިއަންއަކަށް ވީ ގޮތް؟ ވީގޮތަކީ އޭލިއަންގެ މަންމަ އޭލިއަންއަށް ބަނޑުބޮޑުއިރު އޮޅިގެން ގާކޮޅެއް ކާލެވުނީއްޔޯ. އެ ގާކޮޅު ގޮސް އެއިނީ އޭނާގެ ކަނާތު ލޮލުގެ ކަޅިއަށް ވަދެފަ. އަދި އޭގެ ސަބަބުން ހެދި ބޮޑުވުމަށްވެސް ބުރޫ އަރާފަ އެހެރީ." އެއްވެސް ޚިޔާލެއް ފިކުރެއް ނެތި މިއުވާން ވާހަކައެއް ހަދާލިއެވެ. އޭނާ ހިތުން އެކުރެވުނީ ވަރަށް މޮޅު ކަމެކެވެ. އެވަގުތު އެތާ ތިބި އެންމެން ކަކަކަކަ އަޅާފައި ހީގަތެވެ. އެއަޑަށް ޖެހިގެން ހުރި ބެންޗްތަކުގައި ތިބި ކުދިންގެ ސަމާލުކަމަށްވެސް އެކަން އަޔެވެ. ވަގުތުން ހުރިތަނަށް ބިން ފަޅާފައި އަޑިއަށް ދާނެނަމައޭ އާސިމްގެ ހިތަށް އެރިއެވެ. އަދި ވީ ދެރައިން ލޮލުން ކަރުނަ ހިލުނެވެ. އެވަގުތު އިތުރު މަލާމާތެއް އަޑުއަހާނެ ހިތްވަރު ނެތުމުން ކޮލެޖުން ނުކުތުމަށް އޭނާ ދުއްވައިގަތެވެ. ކޮލެޖުން ނުކުމެވުނުއިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ.
ވަކި ހިސާބަކަށް ދުވަމުން ގޮސްފައި އޭނާ ދުވުން ހިނގުމަށް ބަދަލުކޮށްލިއެވެ. އޭރުވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ބަދަލެއް ނާދެއެވެ. އަތުގެ ނުފުށުން ފުހުނު ނަމަވެސް ކަރުނަތަކެއް ނުހުއްޓުނެވެ. އޭނާ ރޯތީ މަގުމަތިން ދިޔަ ބައެއް މީހުން ވަރަށް ބެލިކަންވެސް އެނގުނެވެ. ނަމަވެސް ކަރުނަތައް ހުއްޓޭގޮތެއް ނުވިއެވެ. އޭނާ ހުރީ އެހާވެސް ހިތުގައި ޖެހިފައެވެ.
އާސިމް ގެއަށް ގޮސް ކޮޓަރިއަށް ވަތް އިރު ނަސީބަކުން ކޮޓަރީގައި އުޅޭ އިތުރު އެއްވެސް ކުއްޖެއް އެވަގުތު ނެތެވެ. އެހެންކަމުން އެނދުމަތީގައި ބަންޑުން އޮށޯތުމަށްފަހު ބާލިހުގައި މޫނު ބާރަށް ޖައްސައިގެން އޮވެ އަޑުންއަޑުނަގާ އޭނާއަށް ރޯންފެށުނެވެ. އަދި އެތައް ޝަކުވާއެއް އަމިއްލަ ހިތާ ކުރެވެންފެށުނެވެ. އަބަދު އޭނާއަށް ދެރަ ލިބެނީ ކީއްވެހެއްޔެވެ؟ އޭނާ އެ ސިފައިގައި ހެއްދެވީ ކީއްވެހެއްޔެވެ؟ އެމީހުންގެ ކުރިމައްޗަށް ދެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. މުޅިން ހިތްވަރު އެލިއްޖެއެވެ. ބަދު ބަސްތައް އަޑުއިވުމުގެ ކުރިން އޭނާ މިދުނިޔެއިން ގެންދެވިނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ކުއްލިއަކަށް ޝައިޠާނާ އޭނާގެ ބޮލަށް ސަވާރުވެގަތެވެ. އަދި އަމިއްލައަށް ފުރާނަ ދުއްވާލުމަށް ވަސްވާސް ދޭންފެށިއެވެ. އެކަންކުރެވިދާނެ ގޮތްގޮތްވެސް ޚިޔާލަށް ގެނުވަންފެށިއެވެ. އެ ކަންކަމާމެދު ވިސްނަން އޮވެފައި އާސިމް ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)




2 Responses
ކޮބާތަ ވާހަކަ؟
މާދަމާ ލިބޭނެ.. އިންތިޒާރު ކޮށްލައްވާ