ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާ ބަންދުގައި އުތުރާއި، މެދުރާއްޖެތެރޭގެ އިތުރުން ދެކުނަށް ވެސް ވިއްސާރަ ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހުކުރުދުވަހު މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމައި އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ދެކުނުނެ އަތޮޅު ތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ.

ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވާއިރު މެދު ރާއްޖެތެރޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެއެވެ.މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، އދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 02:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
“ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ،
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، 3-5 ފޫޓާއި ދެމެދުގައި ރާޅުގެ އުސްމިން އުޅޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.



