ބަޔާން މިޔުނިކް މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ އެކްލަބު ދޫކޮށް ލިވަޕޫލްއާއި ގުޅެއް އެއްބަސް ވެއްޖެއެވެ.
ރިޕޯރޓްތައް ބުނާގޮތުން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ތިއާގޯ ލިވަޕޫލަށްދަނީ 25 މިލިއަން ޕައުންޑަށެވެ.
މިދިޔަ ސީޒަންގައި ބަޔާން މިއުނިކަށް ތިން ތަށި ހޯދައި ދިނުމުގައިވެސް އިސްރޯލެއް އަދާކޮށްފައިވާ ތިއާގޯ، ބާސެލޯނާ ދޫކޮށް ބަޔާންއާއި ގުޅިފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ބަޔާންއާއެކު ތިއާގޯ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން 30 އަށެވެ.
އަދި އުމުރުން 29 އަހަރުގެ ތިއާގޯ ލިވަޕޫލަސް ކުޅޭނީ 6 ނަންބަރު ޖާޒީގައިކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ފްލިކް ބުނީ، ތިއާގޯއަކީ މޮޅު ކުޅުންތެރިއެއްކަމަށާއި، ބަޔާންގައި އޭނާ ހޭދަކޮށްފައިވާ ހަތްއަހަރަކީ ވަރަށްވެސް ކާމިޔާބު ހަތް އަހަރުކަމަށެވެ. އަދި ތިއާގޯއަކީ ރަނގަޅު ޝަޙުސިއްޔަތެއްކަމަށްވެސް ފްލިކް ބުންޏެވެ.
ލިވަޕޫލްގެ އިތުރުން މެންޗެސްޓާރ ޔުނައިޓެޑުންވެސް ތިއާގޯ ގެންނަން މަސައްކަތްކުރިނަމަވެސް، ޔުނައިޓެޑާއި ބަޔާން އާ ދެމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ބާސެލޯނާގެ ޔޫތު ސިސްޓަމުން ރެކްރޫޓް ވެގެން އައި ތިއާގޯ ބާސެލޯނާ އަދި ބަޔާން މިއުނިކުގައި ހޭދަކުރި ދުވަސްތަކުގައި ގިނަވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބާސެލޯނާއާއެކު ހަތަރު ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާއިރު، ބަޔާންއާއެކު ހަތް ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބުކޮށްފައިވެއެވެ. އަދި ތިއާގޯ މިއިން ކޮންމެ ޓީމަކާއެކު 1 ފަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލާލާފައިވެއެވެ.




