މެސީގެ ނަން ޓުރޭޑްމާކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ވިލާތުގެ އިއްތިހާދުގެ އެންމެ މަތީ ކޯޓުން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ލިއޮނަލް މެސީއަށް ދީފިއެވެ.
މެސީއަށް އޭނާގެ ނަން ޓުރޭޑްމާކެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި މިވަނީ، މިކަމުގެ ހުއްދަ ހޯދުމަށް މެސީ މަސައްކަތް ކުރާތާ ނުވަ އަހަރު ދުވަހަށް ފަހުއެވެ.
މެސީ އެންމެ ފުރަތަމަ އޭނާގެ ނަން ޓުރޭޑް މާކެއްގެ ގޮތުގައި ބޭނުން ކުރުމަށް ހުށަހަޅައިފައިވަނީ 2011 ވަނަ އަހަރުއެވެ. މިގޮތުން މެސީ އޭރު ހުށަހަޅައިފައިވަނީ ކުޅިވަރާއި ގުޅޭ ސާމާނު އުފައްދާ ބުރޭންޑެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށެވެ.
ނަމަވެސް، މިހާތަނަށް މެސީއަށް އެހުއްދަ ނުދީވަނީ "މާސީ" ނަމަކަށްކިޔާ ސައިކަލިން ކުންފުންޏަކުން މެސީގެނަން ޓުރޭޑް މާކެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދީފިނަމަ ދެ ބުރޭންޑު ނަން އޮޅޭނެކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ސަބަބުންނެވެ.
ނަމަވެސް ވިލާތުގެ އިއްތިހާދުގެ އެންމެމަތީ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މެސީގެ މައްޝޫރު ކަމަށް ބަލާއިރު މި ދެ ބުރޭންޑުގެ ތަފާތު ވަކިކުރަން ކަސްޓަމަރުންނަށް އިނގޭނެ ކަމަށެވެ.
އުމުރުން 33 އަހަރުގެ ބާސެލޯނާއާއި އަދި އާޖެންޓީނާ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހަފަހަރަށް ކާމިޔާބު ކޮށްފައިވާ ފަރާތެކެވެ. އަދި މިހާރު މެސީ ވެގެން ގޮސްފައިވަނީ ފުޓުބޯޅަ ކުޅެގެން އެންމެ ބޮޑު އާންމުދަނީއެއް ހޯދާ ކުޅުންތެރިއާގެ ގޮތުގައެވެ.




