ދަރިންނަކީ ﷲ ތަޢާލާ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެ މަސްއޫލިއްޔަތު އަދާކުރި ގޮތަކާ މެދު މާދަމާ ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެއެވެ.
އެގޮތުން މިއަދުގެ ޙުކުރު ޙުތުބާގައި ވާހަކަފުޅުދައްކަވާފައިވަނީ، ދަރިން ތަރުބިއްޔަތުކުރުމުގެ ތެރެއިން އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅުވެފައިވަނީ، އިންޓަނެޓަކީ މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ، އެއީ ވަރަށް ބޮޑު ނިޢުމަތެއްކަމަވެ. އެގޮތުން ޢާއިލީ ގުޅުން ބަދަހިކުރުމާއި، އުނގެނުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، މި ނޫންވެސް ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ފަސޭހަކަމާއި ލުއިކަން ގެނެސްދެވޭނެ ފަދަ ވަސީލަތެއްކަމަށެވެ.
ނަމަވެސް، އިންޓަނެޓްގެ ޒަރީޢާއިން އެތައް ލުއިފަސޭހަކަން ލިބި، ޙަޔާތަށް ފުރިހަމަކަމެއް ގެނެވޭއިރު، މި ނިޢުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބަޔަކު އުޅޭނެކަން ދަންނަންޖެހޭކަމަށް ޙުކުރުހުތުބާގައި ވިދާޅުވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔެ އިންޓަނެޓަށް އަހުލުވެރިވަމުންދާ ދަނޑިވަޅެއްގައި އިންޓަނެޓުގެ ޒަރީޢާއިން ތަފާތު އެކި ނަންނަމުގައި އެކި ދާއިރާތަކުން ޢާއްމުންނަށް އެކި ފެންވަރުގެ ކޯސްތައް އަގު ނަގައިގެން، ނުވަތަ ހިލޭސާބަހަށް ހިންގާ އިރު، އެއީ އިތުބާރު ހިފޭ ބައެއްތޯ ބަލައި ކަށަވަރުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ދަރިންގެ ކިޔެވުމަށްޓަކައި، އިންޓަނެޓްގެ ބޭނުން ހިފުމަކީ ނުހަނު މުހިއްމު ކަމެއްކަމަށާއި، އެހެންނަމަވެސް، އިންޓަނެޓަކީ، އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެއްކަމަށް ޙުކުރުހުތުބާގައި ވިދާޅުވިއެވެ.އެހެންކަމުން އެ ތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށާއި އެ ކުދިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭންޖެހޭކަމަށް ހުތުބާގައި ވިދާޅުވިއެވެ.
އެގޮތުން އިންޓަނެޓް މެދުވެރިކޮށް އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ދަރިން ގޯސް މަގުތަކަށް ގެންދިޔުމަށް މަސައްކަތްކުރާ މީހުންގެ ކެހިވެރި މަޅީގައި ނުޖެހި ތިބެން އެ ކުދިންނަށް ދަސްކޮށްދިނުމަށާއި، މަގުމަތިން ފެންނަ ނުދަންނަ މީހާއާ ވާހަކަ ނުދައްކަން ދަސްކޮށްދޭ ފަދައިން، ނުވަތަ އެއަށްވުރެ ބޮޑަށް، އިންޓަނެޓްގެ ތެރެއިން ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށް ދަރިންނަށް ދަސްކޮށް ދިނުމަށް ހުތުބާގައި އެދިފާވެއެވެ.



