ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތު ކުރުމާއި، ކުޑައިމީސް ބަސްބުނެ ފުރައްސާރަ ކުރުމަކީ، އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ޢަމަލެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވެފައި ވަނީ އެކަލޭގެފާނު ރަސޫލުކަމާގެން ފޮނުއްވީ އިންސާނުން އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން އެންމެ ދަށުދަރަޖައަކަށް ވެއްޓިފައިވާ ދުވަސްވަރުގައި ކަމަށެވެ.
އެދުވަސްވަރު ސިފަކުރައްވައި ޚުތުބާގައި ވިދާޅުވެފައި ވަނީ އެދުވަސްވަރުގެ މުޖުތަމަޢުތަކުގައި އަރައިނުގަންނަ ފާފައެއްނެތްކަމަށާއި ނުކުރާ ހަޑިމުޑުދާރު ޢަމަލެއް ނެތްކަމަށެވެ. އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާހުގެ ހަޤީޤީ މަޢުރިފާވެރިކަން ވަނީ ގެއްލި އުވިގޮސްފައިކަމަށާއި އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލަ އަށް އުފައްދާ ބުދުތަކަށްކަމަށެވެ. އަދި ގަސްގަހާގެއްސަށާއި، ކޯރުކޯރަށާއި، އަލިފާނަށްކަމަށެވެ.
މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް ކޯފާގެ މިފުން އަނދަވަޅުން އިންސާނީ ނަވްޢު ސަލާމަތްކުރުމަށްޓަކައި މާތްﷲ އިޚްތިޔާރު ކުރައްވައި، ފޮނުއްވި މާތް ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ مُحَمَّدُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އެވެ.
ޚުތުބާގައި ވިދާޅުވެފައި ވަނީ އެކަލޭގެ ފާނު ފޮނުއްވީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި ކަމަށާއި އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން އެކަލޭގެފާނަށް އީމާން ވުމަކީ އިމާންކަމުގެ ރުކުނެކެވެ. އަދި އެކަލޭގެ ފާނަށް ކިޔަމަންގަތުމާއި، އެކަލޭގެ ފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އަދަބުތަޢުޡީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެ ފާނުދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމުގައިވެސް މިއަދުގެ ޚުތުބާގައި ވަނީ ވިދަޅުވެފައެވެ.
އެގޮތުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތްނަބިއްޔާ ދިފާޢު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމުގައި ވަނީ ވިދާޅުވެފައެވެ.



