ބޭރު ގައުމެއްގެ ސިފައިން އަޅުގަނޑުމެންގެ ގައުމުގައި ތިބޭ ތިބުން އެއީ އަބަދުވެސް އޮންނަ ނުރައްކަލެއް ކަމުގައި ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފެފައި ވަނީ ރޭ ބޭއްވި “ޗެޓް ވިތް އުމަރު” އިވެންޓް ގައި ވާހަކަ ދައްކަވަމުންނެވެ.
މި އިވެންޓްގައި 2 ވަނަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ އުމަރުގެ ހޯމް މިނިސްޓަރު ކަމުގެ ދައުރުގައި ކަމަށް ބުނެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އަޅުގަނޑު ހޯމް މިނިސްޓަރު ކަމާ ހަވާލުވި އިރުވެސް 2 ވަނަ ހެލްކޮޕްޓަރު ރާއްޖެއަށް ގެނައުމަށް ވަނީ އެއްބަސްވެވިފައި ކަމަށާއި އެކަމު ނުގެނެސް އޮތީ ބާއްވާފައި ކަމަށެވެ.
އޭރުގެ ސަރުކާރު ސެކިއުރިޓީ ކައުންސިލުން ނިންމެވީ އޭތި ނުގެންނަން ކަމަށާއި އޮތް އެތިވެސް ފޮނުވާލަން ކަމަށާއި އެކަމަކު ފަހުން ސިޔާސަތު ބަދަލު ކުރައްވާ ނިންމެވީ ޑޯނިއާ އަކަށް އެދެން ކަމުގައި އުމަރު ވިދާޅުވިއެވެ. އަދި ޑޯނިއާ ގެނެއްސަ ހެލިކޮޕްޓަރު ގެންދަން ކަމަށާއި ފަހުން ޑޯނިއާ ނުގެނެސް އެންގީ ފައިބަން ކަމަށް އުމަރު ވިދާޅުވިއެވެ.
"2 ހެލިކޮޕްޓަރުވެސް ހިފައިގެން ދާން އެންގީ. އެންގީމަވެސް ނުދިޔައީ. އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާ ފަދަ ބާރުގަދަ ގައުމެއް ދިވެހި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ތިބެ ދައުލަތުގެ އެންމެ މަތީ ވެރިޔާ ގައުމުން ފައިބަން އެންގީމަ ނުފައިބާ ގަދަކޮށްފަ ތިބި ތިބުން. މިއީ ބައިނަލްއަގްވާމީ ހުރިހާ އުސޫލު ތަކާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި ވެސް ހިލާފަށް ކޮށްފައިވާ ކަމެއް." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިސް މި ސަރުކާރުން ކޮށްދިން ކަމަކީ އަލުން މި އެއްބަސްވުން އާކޮށް ސޮއި ކުރުން ކަމަށާއި މިހާރު އެކަން ހިނގާ ގޮތަކީ ހަނިމާދޫގައި އިންޑިއާ ސިފައިންގެ 3 ވަނަ ހެލިކޮޕްޓަރެއް ބޭއްވުމުގެ މަސައްކަތް ކަމުގައި އުމަރު ވިދާޅުވިއެވެ.




