ރާއްޖޭގެ މޫސުން ރަނގަޅުނުވެ އަނެއްކާވެސް އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު ވައިޓު އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދަށެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރު 1:00 ޖެހުމާއި ހަމަޔަށް ނެރުނު ވައިޓު އެލާޓުގެ ވަގުތު މިހާރުވަނީ މިއަދު ހަވީރު 6:00 ޖަހެންދެން އިތުރު ކޮށްފައެވެ.
White Alert extended till 1800hrs. pic.twitter.com/Q2g78OtTcb
— Maldives Meteorology (@MetMaldives) September 18, 2020
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
“ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން އުޅޭނީ 3 – 5 ފޫޓާއި ދެމެދުގައި ކަމަށެވެ.
“ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތުމުން، ހުރިހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް ދަންނަވަން.” މެޓް އޮފީހުން ވިދާޅުވިއެވެ.



