ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ހިލޭ އެހީގެ ދަށުން ޖުޑީޝަރީއަށް އައިޓީ އިކިއުޕްމަންޓްސް ހަދިޔާކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ހިލޭ އެހީގެ ދަށުން މި ކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކޯޓުތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ތަކެތި މިއަދު ޙަވާލުކޮށްފައިވާކަމށެވެ.
މިތަކެތި ޙަވާލުކޮށްދެއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި، ޔޫ.އެން.ޑީ.ޕީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފުޖީއެވެ. ކޮމިޝަނުގެ ފަރާތުން އެހީއާ ޙަވާލުވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި ކޯޓުތަކަށް ހަދިޔާ ކުރެއްވި އެހީއާ ހަވާލުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ، ޑރ. އަބްދުﷲ ނަޒީރެވެ.
ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓީ އިކިއުޕްމަންޓްތަކާއި އޮފީސް 365 ގެ ލައިސަސްސާއި މިކޮމިޝަންގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިޔުމަށް ބޭނުންވާ ގިނަ އިކުއިޕްމަންޓްތައް ހަދިޔާކުރައްވާފައިވެއެވެ.
މިއެހީގެ ސަބަބުން، ޝަރީއަތްތައް ދާދިވަރުކޮށް، ހުޅުވާލައިގެން ބޭއްވުމަށް އަދި ސިންގަލް ޕްލެޓްފޯމެއްގައި ހުރިހާ ކޯޓުތަކެއް ހިންގުމަށް ގިނަގުނަ ފަސޭހަތަކެއްވާނެއެވެ. މީގެއިތުރުން، ކޮމިޝަނުން މިހާރު މަސައްކަތް ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑަށް ޙައްލު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ރައީސް ވިދާޅުވީ ދިމާވާ ބަލިމަޑުކަމެއްގެ ތެރޭގައި އަޅާފިޔަވަޅެއްގެ ސަބަބުން ޝަރީޢަތްތައް ނުހިންގި އަދި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށާއި، މިފަދަ ކަންތައްތަކުން އަރައިގަންނަން ޖުޑީޝަރީއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައެވެ. އަދި މިސް އަކީކޯ ފުޖީގެ ވާހަކަ ފުޅުގައި ކޯޓް ޑިޖިޓަލައިޒޭޝަންގެ ޕްރޮޖެކްޓަށް މުސްތަޤްބަލުގައިވެސް ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޖުޑީޝަރީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން މިހާރުވެސް ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން އިތުރު 6 ކޮންސަލްޓެންސީ ޕްރޮގްރާމް ކުރިއަށް ދެއެވެ.
ޚަބަރު: ޖުޑީޝަލް ސަރވިސް ކޮމިޝަން