މާވެޔޮ މިސްކިތުގެ އައު އިމާރާތް - ފޮޓޯ: މިހާރު

މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ

މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ, މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:07 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މިހާދިސާގައި އަނިޔާވެފައި ވަނީ މާވެޔޮ މިސްކިތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީންނަށް. މި ދެމީހުން ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށާއި، އެކަކުގެ އުނަގަނޑަށް ތަދުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އަދި އަނެއް މީހާގެ އިނގިއްޔެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި ކަމަށާއި، ދެ މީހުން ވެސް ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އިމާރާތްތަކުން އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި އެތައް ހާދިސާއެއް މާލޭގައި ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއްވެސް ފެއްޓެވި ނަމަވެސް، އެ މައްސަލައަށް އަދި ވަނީ ހައްލެއް ނުހޯދިއެވެ.

މާލޭގައި ހަދަމުން އައި އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު މިދިޔަ ޑިސެމްބަރުމަހު ވަނީ ނިޔާވެސް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ