ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށައަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުދީގެން: އުޝާމް

ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުދީގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާލުވެއްޖެ އެވެ.

އަހްމަދު އުޝާމް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ އިސްލާމިކް މިސްޓަރ ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.

އުޝާމް އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުދީގެން ކަމަށާއި އެއްވެސް ސަރުކާރެއްގައި މިފަދަ ކުންފުނިތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާތަނެއް ނުފެންނަ ކަމަށެވެ. އަދި އޭގެ ބަދަލުގައި މިފެންނަނީ އަނެއްކާވެސް އުސޫލުން ބޭރުން އެކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރާތަން ކަމުގައި އުޝާމް ވިދާޅުވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދްގެ އިތުރުން މި މައްސަލައިގައި އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު (މ.މުޙައްމަދީއާބާދު، ކ.މާލެ) ގެ މައްޗައް ދައުވާ ކުރުމަށްވެސް އޭސީސީއިން ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާގޮތް ހާމަކުރަމުން އޭސީސީއިން ވިދާޅުވެފައިވަނީ 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި  ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭތީކަމަށެވެ.

އޭސީސީއިން ވިދާޅުވީ އެމަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ