ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އޭޖީ އޮފީހާ ގުޅޭ މައުލޫމާތު ދެއްވައިފިއެވެ.
އޭޖީ އޮފީހުން ވިދާޅުވީ މައުލޫމާތު ދެއްވާފައިވަނީ އެމްއެންޔޫ ގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ އެލް.އެލް.ބީ. އިން ޝަރިޢާ އެންޑް ލޯ ކޯހުގެ 4 ވަނަ އަހަރުގެ ދަރިވަރުންނަށް ހިންގާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުންކަމަށެވެ.
އެޓަރނީ ޖެނަރަލް އޮފީހުގެ މެންޑޭޓާއި ލީގަލް ޑިވިޜަންތަކާ ގުޅޭގޮތުން އެމްއެންޔޫގެ ދަރިވަރުންނަށް ސެޝަން، ނަންގަވައި ދެއްވީ އެޓަރނީ ޖެނަރަލް އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީ ޢަނާން އަޙްމަދު ރަޝީދުކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
"ގޫގުލް މީޓްމެދުވެރިކޮށް އޮންލައިކޮށް އެ ސެޝަން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު" އޭޖީ އޮފީހުން ވިދާޅުވިއެވެ.
އޭޖީ އޮފީހުން އެމްއެންޔޫގައި ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް ސެޝަނެއް ނަންގަވައި ދެއްވާފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާ ގުޅިގެން އެކުލަވައިލެވޭ ޚާއްސަ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ވެސް އޭޖީ އޮފީހުން ވަނީ ޚާއްސަ ސެޝަންތަކެއް ނަންގަވައި ދެއްވާފައެވެ.



