އީޕީއެލް - ޔުނައިޓުން ބައްޔަކާއެކު ސީޒަން ފެށިއިރު، ފަހު ވަގުތު އާސެނަލް މޮޅުވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގު 2020-21 ގެ ސީޒަން ބައްޔަކާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ފަށަން ޖެހިއްޖެއެވެ.

ލީގު ފުރަތަމަ މެޗުގައި ރޭ ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ޔުނައިޓެޑުން ކުޅެފައިވާއިރު، އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑު ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ކުޅުމެއް ޔުނައިޓެޑުން ދެއްކި މިމެޗުގެ ވަރަށް ކުރީކޮޅު ޕެލެސްއިން ލީޑު ނަގާފައިވަނީ ޓޮންސެންޑު ޖަހައިދިން ލަނޑަކުންނެވެ. މިލަނޑަކީ ޝްލަޕްގެ ހުރަހަކުން ޓޮންސެންޑު ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.

އަދި މިލަނޑަށްފަހު ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ޕެލެސްއަށްވަނީ ލިބިގެން ގޮސްފަައެވެ. އެގޮތުން ވިލްފްރެޑަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑުގެ ޑިފެންޑަރު ލިންޑެލޮފް ބައިކޮޅަށް ކީޕަރަށް ދިން ޒަހާ ލިބެމުންދަނިކޮށް އޭރިއާ ބޭރަށް ނުކުމެ ދިފާޢުކޮށްފައިވަނީ ޔުނައިޓެޑުގެ ކީޕަރު ޑެހެއާއެވެ. އަދި ޑިފެންޑަރުން ކަޓުވާލުމަށްފަހު ގޯލް ކުރިމަތިން ޕެލެސްގެ އަޔޭ ފޮނުވާލި ހޫނު ހަމަލާއެއްވެސް ޑެހެއާވަނީ ދިފާޢުކޮށްފައެވެ.

އަދި ޕޮގްބާ ފޮނުވާލި ހޫނު ހަމަލާ ކީޕަރު ދިފާޢުކުރިއިރު، ފާނަންޑޭޒްގެ ހަމަލާވެސް ޕެލެސްގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އިތުރު ލަނޑެއް ނުފެނިއެވެ.

ޕެލެސްގެ އަނެއް ދެލަނޑު ވިލްފްރިޑް ޒާހާ ކާމިޔާބުކޮށްދީފައިވާއިރު، 74 ވަނަ މިނަޓްގައި ޒާހާ ޖެހި ފުރަތަމަ ލަނޑަކީ އޭރިއާ ތެރޭ ހުހަށްހުރެ ކީޕަރު ޑެހެއާގެ ބޯ މަތިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި ޒާހާގެ ދެވަނަ ލަނޑަކީ އޭރިއާ ތެރެއިން ޑިފެންޑަރު ލެންޑްލޮފްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މިޕެނަލްޓީ ފުރަތަމަ ފަހަރަށް ޑެހެއާ ދިފާޢުކުރިނަމަވެސް، ޕެނަލްޓީ ފޮނުވާލިއިރު، ޑެހެއާ ގޯލްގެ ލައިނު މަތިން ބޭރުގައި ހުރުމުގެ ސަބަބުން ދެވަނަ ފަހަރަށް ޕެނަލްޓީ ޖަހަންވަނީ ދީފައެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ އަލަށް ގުޅުނު ވެންޑެބީކެވެ. އޭނާ ލަނޑު ޖަހާފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެއެވެ.

މިބައްޔާއެކު ޔުނައިޓެޑުން އާ ސީޒަން ބައްޔަކާއެކު ފަށން ޖެހިފައިވާއިރު، މިއީ ބައްޔަކާއެކު ޔުނައިޓެޑުން ސީޒަން ފަށާ ތިންވަނަ ފަހަރެވެ. 1992-93 ސީޒަންގެ ފުރަތަމަ މެޗުގައި އެވަޓަން އަތުން ބަލިވެފައިވާއިރު، 2014-15 ސީޒަންގެ ފުރަތަމަ މެޗުން ޔުނައިޓެޑު ބަލިވީ ސްވަންސީ އަތުންނެވެ.

މެޗުގެ ފަހު މިނަޓް ކޮޅުގައި ކޭޓިއާ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް މޮޅު ވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވެސްޓްހާމްއާއި ދެކޮޅަށް ކުޅުނު މެޗުން މެޗުގެ ފަހު މިނަޓް ކޮޅުގައި ކޭޓިއާ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް މޮޅު ވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ އާސެނަލްގެ ލަކަޒެޓް ކާމިޔާބުކުރިނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނަޓްގައި އެންޓޯނިއޯ ޖަހައިދިން ލަނޑުން ވެސްޓްހާމްއިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އަލުން ލީޑު ނެގުމަށް އާސެނަލްއިން ދެވަނަ ހާފު އާ ހިތްވަރަކާއެކު ކުރަމުންދިޔަ މަސައްކަތަށް ނިމުން އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ފަސް މިނަޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ތެރެއިން ކެބަލޯސް ހުރަސްކޮށްއިން ބޯޅައިން ކޭޓިއާ ކާމިޔާބުކޮށްދިން މިލަނޑާއެކު އާސެނަލްއަށް ހިނިތުވުން ގެނުވާފައިވާއިރު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް އާސެނަލްވަނީ މޮޅުވެފައެވެ.

ރޭގެ މެޗުގައި ލަކަޒެޓް ކާމިޔާބުކޮށްދިން ލަނޑަކީ އާސެނަލްއަށް އޭނާ ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ