ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އޮތް އުންމީދަކީ މަލަމަތި ރީތިކުރަން ހާޒިރުކޮށް ސުވާލު ކުރުމެއް ނޫން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ވަގުތު މުޅި ސަރުކާރުގައި މިވަނީ ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައި ކަމަށޑާއި ރައީސް ނަޝީދާއި މެދު އޮތް އުންމީދަކީ މަލަމަތި ރީތިކުރަން ހާޒިރުކޮށް ސުވާލުކުރުމެއް ނޫން ކަމުގައެވެ. އަދި ގާތް ވަޒީރަކަސް ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށާއިނޫނީ ރައްޔިތުން ދެކޭނީ ރަނުން ރަނަށް ވައްކަމަށް ޖާގަ ދެނީ ކަމަށް ކަމުގައި ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ކޮވިޑް-19 ގެެ އޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަމާއި ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން ހާމަވެފައިވެއެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން 34 ގެސްޓު ހައުސްއަކަށް 16 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށާއި އެންޑީއެމްއޭ) އިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބިފައިވާކަން ކަށަވަރު ނުކުރެވޭކަމަށް ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފައި ވެއެވެ.
އެގޮތުން މި ރިޕޯރޓްގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ރިކޯޑުކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރިކޯޑުކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށް ފަހުގައިކަމަށާއި، ނަމަވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އަށް އޯޑަރުކޮށްފައިވާ ޖުމުލަ 22,437,177 (ބާވީސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ލިބުނުކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.