ހިޔާ މަޝްރޫޢު: ދަފްތަރު ކެޓަގަރީން ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފި

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީން ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.

މި ލިސްޓާއި އެކު މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓުވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ޝަރުތު ހަމަނުވާ 25 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

މި ލިސްޓުތައް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ. ޝަރަތު ހަމަވާ 2775 ފަރާތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ތަފްސީލް ސަބަބާއިއެކު ވަނީ އާންކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވެފައި ވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކޮށްފައިވާ ކަމަށެވެ.

ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ، ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ވަގުތީ ލިސްޓު ޢާންމުކުރެވިފައި ވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސް ވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

"ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ، 21 ސެޕްޓެންބަރު 2020 އިން ފެށިގެން 4 އޮކްޓޫބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލެވޭނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ.

"ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ކަމަށްވެސް ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
1112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ