ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

އަދީބުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

އަޙްމަދު އަދީބުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

ކުރީގެ ނައިބުރައީސް އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށައެޅި 7 މައްސަލައެއް އެކޯޓުން ބޭރުކޮށްލުމާއި ގުޅިގެން ދަޢުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމާއި ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 2:00 ޖަހާއިރަށެވެ.

އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އިސްތިޢުނާފުގެ އަޑުއެހުމުގައި އަދީބުވެސް އަދި ދައުލަތުންވެސް ވަނީ ފަހު ބަސް އިއްވާފައެވެ. އަދި އެންމެފަހުން ބޭއްވި އަޑުއެހުން ނިންމާލަމުން ފަނޑިޔާރު ވަނީ އެމައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށް އިޢުލާން ކޮށްފައެވެ. އަދި ދެން އޮންނާނީ މައްސަލާގައި ގޮތެއް ނިންމުން ކަމަށާއި އިތުރުކަމެއް ކޯޓުން ސާފުކުރަން ބޭނުންވާނަމަ އެކަން އަންގާނެ ކަމަށް ފަނޑިޔާރުވަނީ އެންމެފަހުގެ އަޑުއެހުން ނިންމާލަމުން ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އަދީބު ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު، އަދީބުއަށް ޓޯޗާކޮށް އިއުތިރާފު އެއްބަސްވުމުގައި އަދީބުއަށް މަޖުބޫރުކޮށް ގަދަކަމުން ސޮއިކޮށްފައިވާކަމަށް ބުނެފައި ނޯންނާނެކަމަށް ވިދާޅުވެފައެވެ.

މައްސަލަ އަވަހަށް ނިންމައި ދެއްވުމަށް ހައިކޯޓުގައި އަދީބު ވަނީ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އެދިފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ރައްޔިތުންނަށް އަނބުރާ ހޯދޭނެ އަދި ހޯދަންޖެހޭ ފައިސާއެއް ކަމަށްވެސް އަދީބު ވަނީ އެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ