މޫސުން ގޯސްވެ ހއ. އަތޮޅުން ޅ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާ ގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓްް އޮފީހުން ވަނީ ލަފާކޮށްފައިވެއެވެ. މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 17:10 އިން ރޭގަނޑު 22:00 އާއި ހަމައަށެވެ.
Alert White for heavy rain with thunderstorms and gusts of 40 mph. pic.twitter.com/UyxtCkSawH
— Maldives Meteorology (@MetMaldives) September 20, 2020
ރާއްޖެ އަށް މިދުވަސް ކޮޅު ވިއްސާރަ ވުމުން އެކި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ ވައިޓް އެލާޓް ނެރެމުންނެވެ.
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެން ވާ ކަމެއް ކަމަށެވެ.
"އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.



