މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމްތަކަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އަންނަ ދަޢުރުގެ މެންބަރު ކަމަށް ނަން ހުށައެޅުމަށް ހުޅުވާލައިފައިވާ މުއްދަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން އިތުރު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މީޑިއާ ކައުންސިލްގެ މަޤާމްތަކަށް ކެނޑިޑޭޓުން ނަން ހުށައެޅުމަށް އެ މިނިސްޓްރީން ކުރިން ކޮށްފައިވާ އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައި ނުވާކަމަށާއި، އެހެން ކަމުން އެ މަޤާމްތަކަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މީޑިއާ ކައުންސިލްގެ މަޤާމްތަކަށް ހޯދަމުން ދަނީ މީޑިއާ ތަމްސީލުކުރާ 7 މެންބަރުންނާއި، އާންމު 6 މެންބަރުންނެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަށް ކަމަށާއި އަދި މީޑިއާ ތަމްސީލު ކުރާ 7 ގޮނޑިއަށް ކެނޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. މީޑިއާ ކައުންސިލްގެ މި ދަޢުރުގެ 13 މެންބަރުންގެ މުއްދަތު 11 ޑިސެންބަރު 2020 ގައި ހަމަވާނެއެވެ. އަދި މީޑިއާ ކައުންސިލްގެ މެންބަރު ކަމުގައި އެއްވެސް ފަރާތަކަށް ވިދިވިދިގެން 2 ދަޢުރު އަދާނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލްގެ މަޤާމްތަކަށް ވާދަކުރައްވަން އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، މޯމް މިނިސްޓްރީއަށް އެކަމަށް އެދޭ ފޯމާއި ހުށައަޅާ ލިޔެކިޔުންތަށް މެއިލް ކުރުމަށް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ކުރިން އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ފަަރާތްތަކުންވެސް އަލުން ފޯމާއި ލިޔެކިޔުުންތައް ހުށައެޅުމަށް އެމިނިސްޓްރީން ދަންނަވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ