ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

އަދީބުގެ 7 މައްސަލައެއް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހުކުމްކޮށްފި

އަދީބުގެ 7 މައްސަލައެއް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އަލުން ބެލުމަށް، ހައިކޯޓުން ދެންމެ ހުކުމް ކޮށްފައިވާ 7 ދަޢުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ހައިކޯޓުން ހުކުމް ކޮށްފައިވަނީ އަދީބު ރިމާންޑު ޖަލެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓުން އަލުން އެ 7 މައްސަލަވެސް ބެލުމަށެވެ. އެ 7 ދުވައުވާވެސް އިބްތިދާޢީ އަޑުއެހުމުން ފެށިގެން އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.

ދަޢުވާ ލިބޭފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ގޮތް އެއީ ހުށަހެޅިފައިވާ ދަޢުވާއެއް ބާޠިލު ކުރުމުގެ ހުއްޖަތެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކުރައްވާފައި ވެއެވެ. އަދި ޕީޖީ އާއި  އަދީބު އާއި ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ވެފައިވާ ގޮތް ޞައްޙަ ނޫންކަމަށް ކަނޑައަޅައި ހުށަހެޅިފައިވާ 07 ދަޢުވާ ދަށުކޯޓުން ބާޠިލު ކުރިކުރުމަކީ ރަނގަޅު އިޖުރާއަތެއްގެ މައްޗަށް ބިނާ ކުރި ނިންމުމެއް ނޫން ކަމަށްވެސް ހުކުމްގައި ވަނީ ބުނެފައެވެ.

ދަޢުވާ ކުރުމުގެ މުއްދަތާއި، އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމާއި، މިކަންކަމާއި ގުޅޭ ގޮތުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތޭރަވަނަ ބާބުގައި ބަޔާން ކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް ފާހަގަ ކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށްވެސް ހުކުމްގައި ވަނީ ބުނެފައެވެ.

އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި، އިސްތިއުނާފް ރައްދުވާ ފަރާތުންވެސް ހައިކޯޓުގައި ބުނެފައިވަނީ، މިދައުވާތަކަކީ، މައުޟޫއީ ގޮތުން ބަލަންޖެހޭ ދަޢުވާތަކެއްކަމަށް ޤަބޫލުކުރާ ކަމަށާއި މައުޟޫޢީ ގޮތުން ދަޢުވާ ބަލަންޖެހޭނީ، ދަޢުވާއަށް އިންކާރު ދަޢުވާއަށް އިޢުތިރާފްވާނަމަ، އެމައްސަލައެއް ބަލަންޖެހޭނީ އަވަސްނިޔާގެ ގޮތުގައި ކަމަށްވެސް ހުކުމްގައި ވަނީ ބުނެފައެވެ.

ދަށު ކޯޓުން ނިންމި ނިންމުންތައް ނިންމާފައިވަނީ، ހުށަހެޅި ދަޢުވާތަކަށް ދަޢުވާލިބޭ ފަރާތް އިޢުތިރާފްވޭތޯ ނުވަތަ އިންކާރު ކުރޭތޯ ބެލުމަކާއި ނުލައިކަމަށްވާތީ، އެއީ ބާޠިލު އިޖުރާއަތެއްގެ މައްޗަށް ކުރިއަށް ގެންގޮސްފައިވާ ނިންމުންތަކެއްކަން ނުހަނު ސާފުކޮށް އެނގޭ ކަމަށްވެސް ހުކުމްގައި ވަނީ ފާޙަގަކޮށްފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގެ މި 7 ދައުވާވެސް ކްރިމިނަލް ކޯޓުން ބާތިލުކުރުމުން ދައުލަތުން ވަނީ މި 7 ދަޢުވާ ބާތިލްކުރި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ