ހުދު ސަރުކާރުން ކޮވިޑް-19ގެ ފިޔަވަޅުތައް ގަބޫލުނުކުރާކަން ޝާހިދުގެ އަމަލުތަކުން ސާބިތުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވަނ،ީ ދާދި ފަހުން އިންޑިއާ އަށް ޓެރެޓަރީ ބޮންޑެއް ވިއްކައިގެން ލިބުނު ލޯނު އެހީ އާއި ގުޅޭ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީ އިން އެމިރޭޓް އެއާލައިނުގެ ފްލައިޓެއްގައި ކަމަށެވެ. އަދި އެއާއި ޖެހިގެން އައި ދުވަހު އިންޑިއާ އަށް ޓެރެޜަރީ ބޮންޑެއް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާއި ގުޅޭ ރަސްމިއްޔާތަށް ޝާހިދު ވަޑައިގެންފައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ކަމަށް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ވަނީ، އެޗްޕީއޭގެ ގަވައިދުތަކަށް އަމަލުކުރުމަށް ރައްޔިތުންނަށް އޮންނަނީ ވަކި ގޮތެއް އަދި ސަރުކާރަށް އޮންނަނީ ވަކި ގޮތެއް ކަމަށް ބުނެ އެއީ ހަމަހަމަ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަމީލް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުދު ސަރުކާރުން ކޮވިޑްގެ ފިޔަވަޅުތައް ޤަބޫލްނުކުރާކަން އަބްދުﷲ ޝާހިދު ގެ ޢަމަލުތަކުން ސާބިތުވެއްޖެ ކަމަށާއި އެތައް ބައެއް ފުރާނައަށް ނުރައްކާވެއްޖެ ކަމަށެވެ.
"އެކަން ރަނގަޅުނަމަ، އެތަައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލް. އެ ފައިސާ އަނބުރާ ދޭންޖެހޭ. ޤާނޫނުގެ ޙުކުމް ސަމާސާއެއް ކަމަށް ދެކެނީތޯ؟" ޖަމީލް ވިދާޅުވިއެވެ.
ހުދު ސަރުކާރުން ކޮވިޑްގެ ފިޔަވަޅުތައް ޤަބޫލްނުކުރާކަން @abdulla_shahid ގެ ޢަމަލުތަކުން ސާބިތުވެއްޖެ. އެތައް ބައެއް ފުރާނައަށް ނުރައްކާވެއްޖެ. އެކަން ރަނގަޅުނަމަ، އެތަައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލް. އެ ފައިސާ އަނބުރާ ދޭންޖެހޭ. ޤާނޫނުގެ ޙުކުމް ސަމާސާއެއް ކަމަށް ދެކެނީތޯ؟ pic.twitter.com/XJadOU07Mk
— Mohamed Jameel Ahmed (@MJameelAhmed) September 23, 2020
ޖަމީލް މިހެން ވިދާޅުވެފައިވާއިރު، 12 ސެޕްޓެމްބަރު 2020 ގައި އިދިކޮޅު ޒުވާނުން ނިކުމެ ކުރިއަށް ގެންދިޔަ ސައިކަލު ބުރު ހޫނުވެ ފުލުހުން ނިކުމެ ބައެއް ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ވަނީ ޖޫރިމަނާކޮށްފައެވެ.