ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ބޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމްއެވެ. ސީއެންއެމްއަށް މަޢުލޫމާތު ދެއްވަމުން ޙަލީމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ޔަޢުޤޫބު ގެ މެންބަރު ކަމުގެ ގޮނޑީގެ މައްސަލާގައި ވަނީ ބޮޑު ބަހުސްއަކަށް ގޮސްފައެވެ. އެގޮތުން ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔަޢުޤޫބު ވަނީ އައްޔަން ކޮށްފައެވެ. އަދި އޭނާ ވަނީ އެ މަޤާމް ބަލައިގެންފައެވެ.
އޭނާ އެ މަޤާމް ބަލައި ގަތުމާއި ގުޅިގެން މަޖިލީހުގައި ޔަޢުޤޫބު ފުރަމުން ދާ ދާންދޫ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި މައްސަލާގައި ބޮޑު ބަހުސްއަކަށް ގޮސްފައި ވަނިކޮށް އޭގެ އަނެއް ދުވަހު އޭނާ ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
ނަމަވެސް ބައެއް ޤާނޫނީ މާހިރުން ވިދާޅުވެފައި ވަނީ އެނާ އެ މަޤާމް ބަލައި ގަތުމާއިއެކު މަޖިލީހުގައި އޭނާ ފުރަމުންދާ ގޮނޑި ގެއްލިއްޖެކަމަށެވެ.




