ތިނަދޫން ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ތިނަދޫ ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ތިނަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ.

އަދި އެކުއްޖާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީން މުއްދަތު ނިންމުމަށްފަހު ނެގި ރިލީސް ސާމްޕަލުން ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ތިނަދޫގައި ހުންނަ ޑރ. އަބަދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެކުރިންވެސް ތިނަދޫއިން ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު، އެންމެ ފުރަތަމަ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުން މާލެ ދަތުރު ކުރާ ބޯޓެއް ކަމަށްވާ ދެރަހަ މަސައްކަތް ކުރާ އުމުރުން ދުވަސްވީ މީހެކެވެ. އޭގެ ފަހުން އެ ބޯޓުން އިތުރު ބިދޭސީއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އަދި އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ބައެއް މީހުންވެސް މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ރޭ ބުނެފައިވަނީ، އިއްޔެރޭގެ 18:00 އިން ރޭގެ 18:00 އިތުރު 54 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ 21 ރަށެއްގައި ކޮވިޑް-19ގެ އެކްޓިވް 43 ކޭސް އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ރޭ ވަނީ ހާމަކޮށްފައެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 9939 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 34 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ