ފޮޓޯ: ތިލަދުން

ކޮޗިން ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފިއެވެ.

މިކަން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. ނަމަވެސް ކުޅުދުއްފުށިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން މި ހަރަކާތްތައް ވަނީ ކެންސަލް ކުރެވިފައެވެ.

މިއިވެންޓަށް މާލޭއިން ކަމާގުޅުން ހުރި މުވައްސަސާތަކުގެ ގިނަ ބަޔަކު ކުޅުދުއްފުއްޓަށް އައިސްފައިވެއެވެ. އަދި ދައުލަތުގެ މީޑިއާގެ 3 ރިޕޯޓަރަކާއި އަދި އެހެން މީޑިއާ އެއްގެ ރިޕޯޓަރުކުވެސް މި އިވެންޓް ގެނެސްދިނުމަށްޓަކައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައިއެވެ.

މި ދަތުރުގައިވެސް 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ވިދާޅުވެފައެވެ.

3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރާ އެންމެ ބޮޑު ބޯޓެވެ. މިދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނަކަމަށް މި ކާގޯ ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވެފައި ވެއެވެ.

މި ދަތުރުގައި ކޮންޓެއިނަރތައް މަދުވުމުން ފެރީއިން ކުޅުދުއްފުއްޓަށް މުދާ ބާލަމުންދާނީ މުދާ އުފުލާ ބޮޑެތި ދޯނިފަހަރު ބޭނުންކޮށްގެންކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ