ކޮޗިން ކާގޯ ފެރީގެ ސަބަބުން ސަރަހައްދީ ވިޔަފާރި ފުޅާވެ ފުއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
މި ދަތުރުގައިވެސް 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ވިދާޅުވެފައެވެ.
3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރާ އެންމެ ބޮޑު ބޯޓެވެ. މިދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނަކަމަށް މި ކާގޯ ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވެފައި ވެއެވެ.
އިބްރާހިމް ޝަރީފް ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ކޮޗިން ކާގޯ ފެރީއަކީ އުތުރުގެ އިގްތިސޯދު ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އެޅުއްވި ވަރަށް މުހިންމު ހަރުދަނާ ލާމަރުކަޒީ ފިޔަވަޅެއް ކަމަށާއި މިކަމުން ސަރަހައްދީ ވިޔަފާރި ފުޅާވެ ފުއްދުން ތެރިކަން އިތުރުވެގެން ދާނެ ކަމަށެވެ.
"ވިހިވަނަ ގަރުނު ތިލަދުންމަތީ ކުރާ އެންމެ ކާމިޔާބު ވިޔަފާރިއަކީ އޮޱިދޯނިފަހަރުގައި ރައްރަށަށް ދުއްވައިގެން ކުރާވިޔަފާރިއެވެ. މިގޮތުން ކުޅުދުފުށިން ރޯނު، ނޮލިވަރަމުން ބިލެއް ، ހަނިމާދޫއިން ދަރު، ބާރަށުން ފަންގެ، ފިއްލަދޫއިން ކާށި، ކެލާއިން ކައްޓަލަ، ދިއްދޫއިން މަސް، އުތީމުން ސާންތި. ރާއްޖޭން ބޭރުން ގެންނަ ފުރާޅުގަޖަހާ އީޓް، ތެލިތަށި، އަންނައުނުތައް ވިއްކާ ހަދަނީ މިދެންނެވި ވިޔަފާރީގެތެރެއިންނެވެ. މިއަދު ކުޅުދުއްފުއްޓަށް އަންނަ އިންޑިއާ ފެރީއާއި ގުޅުވައިގެން މިވިޔަފާރި އެހެންބަޔަކު ކުރަން ފެށުމުގެ ކުރިން ފެށުމަށް ތިލަދުން މަތީގެ ދަރިން އަވަސްވެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ." އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
އެހެންނޫނީ މާދަމާގެ ވިޔަފާރި ގެއްލިގެން ހިގައިދާނެ ކަމަށާއި ފުރުސަތަކީ ވަރަށް މަދުން ނޫނީ ލިބޭއެއްޗެއް ނޫން ކަަމަށައި އަވަސްވެގަތުމަށް އިބްރާހިމް ޝަރީފް ގޮވާލެއްވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.



