ނިއުޕޯޓް ވިއު / ފޮޓޯ: މިހާރު

ނިއުޕޯޓް ރެސްޓޯރަންޓް ވީރާނާ ވުމަށް ދޫކޮށްލާފައިވަނީ، އެ ވިޔަފާރި ފުނޑާލަން!

ނިއުޕޯޓް ރެސްޓޯރަންޓް ހިންގަމުން ގެންދާ ޢިމާރާތް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް އެތަން އެއްވެސް މިންވަރަކަށް ބަލަހައްޓަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ކޯލިޝަނުން ފާޅުކޮއްފިއެވެ.

ހެންވޭރު ލޮނުޒިޔާރަތް ކޮޅުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގަމުން ގެންދިޔަ ޢިމާރާތް، އެޢިމާރާތުގައި ހުރި މުދަލާއެކު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރްކްޗަރ ގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އެޢިމާރާތުން 3 ފަހަރެއްގެ މަތިން ވައްކަން ކުރި އިރުވެސް ސަރުކާރުގެ ފަރާތުން އެކަމާ އެއްވެސް މިންވަރަކަށް އަޅާ ނުލުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި އެކަމުން ދިވެހި ވިޔަފާރިތައް ހިމާޔަތްކޮށް ވިޔަފާރިތައް ކުރިއެރުވުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ވަރަށް ބޮޑަށް ހާމަވަމުންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ހަމައެއާއެކު އެތަނުގައި ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަނުޖައްސާ އެތަން ވީރާނާ ވުމަށް ދޫކޮށްލާފައިވަނީ އެތަނަކީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރެއްގެ ޙިއްސާ އޮންނަ ކުންފުންޏަކުން ހިންގާ ވިޔަފާރިއަކަށްވުމުން، އެ ވިޔަފާރި ފުނޑާލުމަކީ ސަރުކާރުގެ ޢަމާޒެއްކަމާއި އަދި އެއީ ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުގައި މިކޯލިޝަނަށް ފާހަގަ ވަމުން އަންނާތީ، ނިއުޕޯޓް ވިއު ރެސްޓޯރަންޓްގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން ޢަމަލު ކުރަމުންގެންދާ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބެލުމުގެ ދަށަށް ޢިމާރާތް ގެންދިޔަ ފަހުން، އެތަން އެއްވެސް މިންވަރަކަށް ބަލަހައްޓާފައި ނުވުމާއި، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުވެސް ހަމަޖައްސާފައި ނުވާތީ، އެކަން އެތައް ފަހަރެއްގެ މަތިން މިނިސްޓްރީއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވެސް ނިއުޕޯޓް ހިންގާ ކުންފުނީގެ ފަރާތުން ރިޕޯޓް ކޮށްފައިވާކަމާއި، އަދި ދާދި ފަހުން އެ ޢިމާރާތުން ވައްކަން ކުރިކަން އެނގިގެން، އެ ޢިމާރާތަށް މިނިސްޓްރީގެ މުވައްޒަފުން ޒިޔާރަތް ކުރި ފަހުންވެސް، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓިފައި ނުވާކަމާއި، އަދި އޭގެ ފަހުންވެސް އެތަނުން ވައްކަންކޮށްފައިވާކަން އެނގެން ހުރި ކަމަށް ނިއުޕޯޓްގެ ފަރާތުން ހާމަ ކުރެއެވެ." އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވީމާ، ދިވެހި ވިޔަފާރިތަކަށް ދޭ ސަމާލުކަން އިތުރުކުރުމާއެކު، ވިޔަފާރިތަކަށް ލިބެމުން ދާ ގެއްލުންތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށާއި، އަދި ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގި ޢިމާރާތުގައި ހުރި މުދަލަށް ގެއްލުން ނުވާނެ ގޮތަކަށް އެތަނުގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އަދި ދިވެހި ވިޔަފާރިވެރިންނަށް ލިބެމުން ދާ ގެއްލުމާއި ފައިދާގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޤައުމުގެ އިޤްތިޞާދަށް ކަމަށްވާތީ، އެފަދަ ސިޔާސީ ބަދަލު ހިފުން ދޫކޮށްލާ، އެޢިމާރާތާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމި ވަކި ގޮތެއް ކަނޑައެޅެންދެން އެޢިމާރާތާއި ޢިމާރާތުގައި ހުރި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ހިންގާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ ނިމިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ