ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެޑް ކެމިކަލް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ވިދާޅުވެފައި ވަނީ ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ 5 ލީޓަރުގެ 1,400 ޑިސްއިންފެކްޓެންޓް ކެމިކަލް ޔުނިސެފްގެ އެހީގެ ދަށުން ގަތުމަށް ބޭނުންވާކަމަށެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށްކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދު ކަނޑާލާފައި އޮތުމަށްފަހު ޖުލައި މަހުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގެ ކިޔެވުން ވަނީ ފަށާފައެވެ. ނަމަވެސް މާލޭގެ ސްކޫލްތަކުގެ ކިޔެވުން އަދިވެސް ކުރިޔަށް ގެންދަނީ އޮންލައިން ކޮށެވެ.
އަތޮޅު ތެރޭގެ ސްކޫލްތަކުގެ ކިޔެވުން ފެށި ނަމަވެސް ދަރިވަރުން ސްކޫލަށް ހާޒިރު ވާން ޖެހެނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން މާސްކް އެޅުމާއި ސްކޫލަށް ވަންނަ އިރު ދަރިވަރުންގެ ބޮޑީ ޓެމްޕަރޭޗަރ ޗެކްކޮށް އަތް ދޮވެ ހެދުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދަނީ ސްކޫލްތަކުގައި ކުރިޔަށް ގެންދަމުންނެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ކްލާސްރުމްތަކާއި ދަރިވަރުން ބޭނުންކުރާ ތަންތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ސްކޫލްތަކުން ދަނީ ކުރިޔަށް ގެންދަމުންނެވެ.




