އިޓާލިއަން ސެރިއާގައި ރޭ ފިއޮރެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި އިންޓަރމިލާންއިން މެޗު ކާމިޔާބުކޮށްފިއެވެ.
ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މިމެޗު އިންޓަރމިލާންއިން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް އެއްލަނޑު ޖަހާފައިވާއިރު، ފުރަތަމަ ލަނޑު ޖެހީ ފިއޮރެންޓީނާއިންނެވެ. މެޗުގެ 3 ވަނަ މިނަޓްގައި ފިއޮރެންޓީނާއަށް މިލަނޑަކު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ކޫމޭއެވެ. އަދި އިންޓަރމިލާނުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކުރީ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުރީކޮޅު ފިއޮރެންޓީނާގެ ޑިފެންޑަރު ފެޑެރިކޯގެ އަތުން ބައިކޮޅަށް ވަތްލަނޑާއެކު އިންޓަރމިލާންއަށް ލީޑު ލިބުނުނަމަވެސް އޭގެ ފަސް މިނަޓް ފަހުން ކާސްޓްރޮވިލީވަނީ ފިއޮރެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ދެވަނަ ފަހަރަށް ފިއޮރެންޓީނާއިން ލީޑުނެގީ 63 ވަނަ މިނަޓްގައި ޗީސާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.
— Inter (@Inter_en) September 26, 2020
މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އިންޓަރމިލާންއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ ހަކީމީގެ ހުރަހަކުން މެޗުގެ 87 ވަނަ މިނަޓްގައި ލުކާކޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ދެ މިނަޓްފަހުން މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނަޓްގައި އިންޓަރމިލާންއިން މޮޅުކޮށްދިނީ ޑަނީލިއޯ އަމްބްރޯސިއޯއެވެ. ގޯލްގެ އަރިމަތީ ދަނޑި ކައިރިން ޑަނީލިއޯ ބޮލުން މިލަނޑު ކާމިޔާބުކޮށްފައިވަނީ އެލެކްސިސް ސަންޗޭޒް ހުރަސްކޮށްދިން ބޯޅައަކުންނެވެ.
މިއީ އިޓާލިއަން ސެރީއާގެ މިސީޒަންގައި އިންޓަރމިލާންއިން ކުޅުނު ފުރަތަމަ މެޗެވެ. މިމުބާރާތުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، ލާޒިއޯ ކަގްލިއަރީގެ މައްޗަށް ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ބެންވެންޓޯ 3-2 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދާފައިވާއިރު، އެޓަލަންޓާ ޓޮރިނޯގެ މައްޗަށް ކުރި ހޯދާފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.




