ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން ހުށައެޅީމަ ރޮޒައިނާމެން ތިބީ ހަނު: ޝުޖާއު

އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު، އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ހުށައެޅީމަ ރޮޒައިނާމެން ތިބީ ހަނު ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، މިއަދު ރާއްޖެއައީ ބޮޑު އާގުބޯޓެއް ކަމަށާއި މާދަން ދިވެހި ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުންކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވުމާއި ގުޅިގެންނެވެ.

“މިއަދު އައިސްދާނެ ބޮޑު މާސިންގާ އާގުބޯޓެއް، މާދަމާ އެއާ ގުޅުވައިގެން އަންނާނީ އެކިޔާ އެއާރ ބަބްލްއިން އަންނާނީ ތި އަންހެން ކަނބަލުން ކައިރިއަށް މަތިމަސްލީމީހުން” އިއްޔެ ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ޝުޖާއިގެ ވާހަކައިގައި ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން ރޮޒައިނާ ކޮށްފައިވާ ޓިވާޓެއްގައި ވިދާޅުވީ، ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިދަދަ އެއްޗެހި ވިދާޅުވުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

“ސިޔާސީ ރައްދު ދޭއިރު، އަންހެނުންނަށް އަމާޒުތިކުރައްވަނީ ކޮންބޭނުމެއްގައިތޯ؟” ރޮޒެއިނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެންމެން ބައިބަހާގެން ހުސްކޮށްލީ މުޅި ދައުލަތް ކަމަށާއި ކޮޗިން ފެރީ އަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

"އެއާ ބަބުލްސް އިން އަންނަނީ ހަމަ އެކަހަލަ މީހުން. މި ރާއްޖޭގެ ދަރިފަސްކޮޅެއް ނޫފެއްދޭނެ. މޮޔަނުވެބަލަ ރޮޒެއިނާ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން އެ މައްސަލަ ހުށައެޅީމަ ރޮޒެއިނާ މެން ތިއްބެވީ ހަނު ކަމަށާއި މި ދައްކަނީ ޑރ. މުނައްވަރުގެ ދަރިކަނބަލުންގެ ވާހަކަ ކަމަށެވެ. އަދި ތީ ކޮން ބައެއް ކަން ދިވެހިންނަށް ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ވަނީ ބަނދަރުކޮށްފައެވެ. މިކަމާއި ގުޅުވައިގެން ޝުޖާއުވަނީީ މި ފެރީން ރަން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ