ސްޕެނިޝް ލަލީގާގެ މިސީޒަންގެ ފެށުން ބާސެލޯނާއިން ރަނގަޅު ކޮށްފިއެވެ.
އެގޮތުން ސީޒަންގެ ފުރަތަމަ މެޗު ރޭ ބާސެލޯނާއިން ކުޅެފައިވާއިރު، ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗު ފަޞޭޙަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަތަަރު ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބާސެލޯނާގެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަންސޫ ފާޓީއެވެ. އުމުރުން 17 އަހަރުގެ ފާޓީގެ ލަނޑުތައް 15 ވަނަ މިނަޓްގައާއި 19 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހާފައިވަނީ ކެޕްޓަން ލިއޮނަލް މެސީއެވެ. 35 ވަނަ މިނަޓްގައި މެސީ މިލަނޑު ޖަހާފައިވަނީ ފާޓީ ހޯދައިދިން ޕެނަލްޓީ އަކުންނެވެ. މެސީގެ މިލަނޑާއެކު ސްޕެނިޝް ލަލީގާގެ 17 ސީޒަނެއްގައި ލަނޑު ހަވަނަ ކުޅުންތެރިޔާއަށް މެސީވަނީ ވެގެން ގޮސްފައެވެ.
⚠️ A special message to Barça fans from @ANSUFATI pic.twitter.com/PCtl2iNUkf
— FC Barcelona (@FCBarcelona) September 27, 2020
އަދި ބާސެލޯނާގެ ހަތަރު ވަނަ ލަނޑަކީ މެސީގެ ހުރަހެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ވިލަރެއާލްގެ ޑިފެންޑަރު ޕައު ޓޮރެސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ދެވަނަ ހާފުގައި ވިލަރެއާލްއިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ނަމަވެސް ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ އާ ކޯޗު ކޫމަށް އިތުރު ކުޅުންތެރިން ހިމަނައިގެން ޓީމުވަނީ ޓެސްޓްކޮށްފައެވެ. އެގޮތުން ކޫމަންގެ ފަރާތުން ހަތަރު ބަދަލެއް ރޭގެ މެޗުގައިވަނީ ފެނިގެން ގޮސްފައެވެ.



