ލޯބީގެ ބަދަލު (01)

އާރިމްއަށް ލޯ ހުޅުވައިލެވުނީ ކައިރިން ދިޔަ މީހަކު އޭނާގެ ގައިގައި ކޮށްޓާލުމުންނެވެ. ވަށައިގެން ބަލާލިއިރު އެތާ އިނީ އޭނާ އެކަންޏެވެ. އޭރު ލޯންޗު އޮތީ ރަށުގެ ފާލަމާ ކައިރިކޮށްފައެވެ. އެހެންކަމުން އަވަސްއަވަހަށް ކައިރީގައި ހުރި ދަބަހުގެ އަރިމަތީ ޖީބުގައި އޮތް އަވި އައިނު ނަގާ ލޮލުގައި އަޅާލިއެވެ. އަދި ތަރުތީބެއް ނެތި ހޭވިފައިވާ ފަން އިންތަށިގަނޑު އަތުން ރީތިކޮށްލިއެވެ. އެއަށްފަހު ލޯންޗުން ފޭބުމަށްޓަކައި ހިނގައިގަތެވެ. ފާލަމަށް ފޭބުމަށްފަހު އޭނާ ކޮޅުކޮޅުމައްޗަށް ނަޒަރު ހިންގާލިއެވެ. މާ ދުރު ނޫން ހިސާބެއްގައި ހުރި ގަހެއްގެ ހިޔަލުގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލައިގެން އިން ޔާސީން އޭނާގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ޔާސީން ފެނުމާއެކު އަތުން ހަނާ އަޅާލުމަށްފަހު އާރިމް އެދިމާއަށް ހިނގައިގަތެވެ.

"އަހަރެން ހީކުރީ ކަލޭ މަށަށް ދޯކާދީފަ ނާންނަނީކަމަށް. އެހެންނު ވާނީ. އެންމެން ފޭބިއިރުވެސް ކަލޭ ލޮލަށް ދައްކައެއްނުލިވިއްޔަ." އާރިމް އެހިސާބަށް އަރާ ހަމަވުމުން ޖޯލިން ތެދުވަމުން ޔާސީން ވާހަކަދެއްކިއެވެ. މެންދުރުގެ ވަގުތުކަމުން އޭރު ހޫނު ވަރަށް ގަދައެވެ. އެހިސާބުގައި މީހުންވެސް ތިބީ ވަރަށް މަދުންނެވެ.

"އާނ. ކުޑަކޮށް ނިދި ޖެހުނީއްޔޭ." ބޯ ކަހާލުމަށްފަހު ފާޑަކަށް ހީލަމުން އާރިމް ބުންޏެވެ.

އާރިމްއާއި ޔާސީންއަކީ ގްރޭޑް އަށަކުން ފެށިގެން ބާރައާއި ހަމައަށް އެއް ކްލާހެއްގައި ކިޔެވި ދެކުދިންނެވެ. އޭގެ ފަހުން މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި އާރިމް ދިޔައީ މެލޭޝިއާއަށެވެ. ޔާސީން ޑިގްރީ ނިންމީ މާލެއިންނެވެ. އެއަށްފަހު ބައްޕަގެ ވިޔަފާރީގައި އެހީވުމަށްޓަކައި އޭނާ ބަދަލުވީ ރަށަށެވެ. އޭރުގެ ރައްޓެހިންގެ ތެރެއިން އާރިމްއާއެކު މިހާތަނަށް ކިރިޔާވެސް ގުޅުން ދެމެހެއްޓުނު މީހަކީ ޔާސީންއެވެ. ކިޔެވުމުގައި އަވަދިނެތިވެ އުޅެންޖެހުމުގެ ސަބަބުން އޭނާ ރަޙުމަތްތެރިންނާ މާބޮޑަށް ގުޅާ ވާހަކަދައްކައެއް ނުހަދައެވެ. އެކަން އޭނާއަށް އެހާ މުހިންމުވެސް ނުވީއެވެ. ޔާސީންއާއެކު އޮތް ގުޅުންވެސް ނުކެނޑި އޮތީ އެގުޅުން ދެމެހެއްޓުމަށްޓަކައި ޔާސީން ކުރި މަސައްކަތުންނެވެ. އުމުރުން ބާވީސް އަހަރުވެފައިވާއިރުވެސް އާރިމްއަކީ އެކަހަލަ ކަންކަމަށް އެހާ ފަރުވާ ބަހައްޓާ ކުއްޖެއް ނޫނެވެ.

އާރިމްއަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމުގައިވާ ސިރާޖު އަޙުމަދުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ މަންމަ އާރިފާގެ ދެލޮލުގެ ފިނިކަމެވެ. އަދި ސިރާޖުގެ ހިތުގެ ހަމަޖެހުމެވެ. އެމީހުންނަށް އާރިމް ލިބުނީ ދަރިއަކު ނުލިބިގެން އެތައް ބޭހެއްކޮށް، ގިނަގުނަ މަސައްކަތްތަކެއް ކުރާތާ އެތައް އަހަރެއް ވީ ފަހުންނެވެ. އޭގެ ފަހުން އެމީހުންނަށް އިތުރު ކުއްޖަކު ނުލިބެއެވެ. އެހެންކަމުން އެދެމަފިރިން އާރިމްދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. މިހާތަނަށް އާރިމް ބޭނުންވެގެން ދުލުން ބުނި ކޮންމެ އެއްޗެއް އެމީހުން ވަނީ ހޯދައިދީފައެވެ. އޭނާއަށް މަނާ އެއްކަމެއްވެސް ނޯވެއެވެ. އެކަން އާރިމްވެސް ހެޔޮ ހިތުން ބަލައިގަނެއެވެ. ކުޑައިރުއްސުރެ  ބޭނުން ހުރިހާ ކަމެއް ފުދޭތީ ބައެއް ކަންކަމުގައި އޭނާ ވަރަށް ފަރުވާ ކުޑައެވެ. ނަމަވެސް އޭނާއަކީ އަޚުލާޤު ގޯސް ކުއްޖެއް ނޫނެވެ. އަދި އެއީ ތޫނުފިލި ކުއްޖެކެވެ.

"އާރިމް ހުންނަން އަހަރެން ހަމަޖެއްސީ ރައްޓެއްސެއްގެ ގެސްޓް ހައުސްއެއްގެ ރޫމެއް. ކައިވެނިކުރަން ހަފްތާއަކަށްވީއިރުވެސް އަހަރެންގެ ރޫމް އަދި މިއުޅެނީ ނުނިމިގެން. ނަޝާ ބޭނުންވާ ގޮތަށް ޑެކަރޭޓްކުރަން ހަދައިގެން އެހާ ދިގުލައިގެން މިދަނީ. އެނގެއެއްނު މި އަންހެންވެރިންގެ ގޮތް." ސަމާސާ ރާގަކަށް ޔާސީން ބުންޏެވެ. އާރިމް އެރަށަށް އެއައީ ޔާސީންގެ ކައިވެނި ޙަފްލާގައި ބައިވެރިވުމަށެވެ.

"އަދިވެސް އަހަންނަށް ފަހަރި ނުދައްކާ އިނގޭ ތިއުޅެނީ." ޔާސީންގެ ކޮނޑުގައި ބާރަށް ޖަހާލަމުން އާރިމް ބުންޏެވެ.

"އައްދިއްޔޯތް! އަހަރެން ބުނީމެއްނު މިކޮޅަށް އައިމައޭ ދައްކާނީ. މިރޭ ކެއުން އޮތީ އެގެއިންނޭ." ކޮނޑުގައި އާރިމް ޖެހި ތަނުގައި ފިރުމާލަމުން ފާޑަކަށް ހެވިފައި ޔާސީން ބުންޏެވެ.

އެހިސާބަށް ވާހަކަ ދިޔައިރު އެމީހުންނަށް ތިބެވުނީ ވަރަށް ރީތިކޮށް ހަދާފައި ހުރި ގެއެއްގެ ކުރިމަތީގައެވެ. އެ ގޭގެ ބޭރު ފާރުގައި ހުރި ބޯރޑެއްގައި ރީތި ފޮންޓަކުން "ވޯޓަރސް ލޮޖް" ޖަހާފައި އިނެވެ. އެއީ އާރިމް ހުރުމަށްޓަކައި ޔާސީން ހަމަޖެއްސި ގެސްޓް ހައުސްއެވެ. ދެއެކުވެރިން އެތެރެއަށް ވަދެ އެތަނުގެ ތިރީގައި ހުރި ރެސްޓޯރެންޓުން މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ. އެއަށްފަހު އާރިމް ގޮވައިގެން ކޮޓަރިއާ ހަމައަށް ޔާސީން ދިޔައެވެ.

"ކުޑަކޮށް ޖައްސާލާ. އަހަރެން ހަވީރުން ގުޅާނަން." އެހެން ބުނުމަށްފަހު ޔާސީން އަނބުރާލާފައި ދާން ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނުކުމެ އާރިމް އެނދުގައި ޖައްސާލިއެވެ. އިސާހިތަކު ނިދި އައިސް އޭނާގެ ލޮލަށް ސަވާރުވެގަތެވެ. އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ މާބޮޑަށް ފިނި ގަދަވެގެންނެވެ. ލޯ ރަނގަޅަށް ހުޅުވާލާފައި ބަލާލިއިރު ކޮޓަރީގެ ކުޑަ ދޮރުގައި ދަމާފައި ހުރި ފޮތިގަނޑުން ފޭދިގެން ބޭރުގެ އަލި ކޮޓަރިތެރެއަށް އެޅިފައި ހުރުމުން އަދި އިރު ނުއޮއްސޭކަން އެނގުނެވެ. ނުތެދުވެ އެއޮތްގޮތަށް އޮވެފައި ކައިރީގައި އޮތް ފޯނު ނެގީ ގަޑިން ވީ އިރެއް ބަލާލުމުގެ ނިޔަތުގައެވެ. އޭރު ހަވީރު ފަހެއް ޖަހައިފިއެވެ. ފޯނުގައި މިސްކޯލުތަކަކާއި މެސެޖެއް އޮތުމުން ބަލާލިއިރު ޔާސީންގެ ތިން ކޯލާއި މަންމަގެ ކޯލެއް އޮތެވެ. ޔާސީން އޮތީ މެސެޖެއްވެސް ކޮށްފައެވެ. އޭނާ ދިޔައީ ފުޓްބޯޅަ ކުޅެންކަމަށާއި ނިންމާފައި ގުޅާނަންކަމުގައި ލިޔެފައި އޮތެވެ. ފޯނާ ކުޅެން އިރުކޮޅަކު އޮވެލުމަށްފަހު އާރިމް ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އެއަށްފަހު މޫނު ދޮވެލައިގެން ނުކުމެ ޓީޝާޓެއް ލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. ގެސްޓްހައުސްއިން ނުކުމެވުމާއެކު އޭނާއަށް ފުރަތަމަވެސް މަރުޙަބާކީ ހަވީރުގެ ފިނިފިނި ވައިރޯޅިތަކެވެ. ވައިރޯޅި އައިސް މޫނުގައި ބީހިލާ ކޮންމެ ފަހަރަކު ހިތަށް ހަމަޖެހުން ގެނުވައެވެ.

ދެވޭ ނުދެވޭ ދިމާއެއް ނޭނގުނު ނަމަވެސް އާރިމް ކުރިއަށް ހިނގަމުން ދިޔައެވެ. ތަންކޮޅަކަށް ހިނގުނު ފަހުން ޖިންސު ޖީބުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ނަގާ ބަލާލިއިރު ގުޅަނީ މަންމައެވެ.

"ހަލޯ. ދަރިފުޅުގެ ޚަބަރެއް ނުވެގެން މަންމަ ކުރިންވެސް ގުޅިން. މިހާރު އެރަށަށް ދެވުނީތަ؟" އާރިމް ހަމަ ފޯނު ނެގުމާއެކު އާރިފާ ވާހަކަދައްކަން ފެށިއެވެ. އޭނާ ހުރީ ކުރިން އާރިމް ފޯނު ނުނެގުމުން ކަންތައްބޮޑުވެފައެވެ.

"އާނ. މެންދުރު އާދެވިއްޖެ." ހަމަޖެހިލާފައި އާރިމް ޖަވާބު ދިނެވެ. އޭރު އޭނާއަށް ހުރީ ރަށުގެ ތުނޑިއާ ހަމައަށް އާދެވިފައެވެ. އެތަނުގައި ދުރުދުރަށް އޮތީ ހިމޫން ދޮންވެއްޔެވެ. ތަންކޮޅެއް ދުރުން ރާޅު ޖަހާ ތަންވެސް ފެނެއެވެ. ގޮނޑުދޮށުގައި ބީހިލާފައި ދާ ކޮންމެ ރާޅަކާއެކު ރީތި އަޑެއް އިވިއިވި ހުއްޓެވެ. ހީވަނީ ރީތި ނާނާއެއް ހެންނެވެ.

އެރަށުގައި އާރިމް ހުންނަ ތަނަކާއި، ކެއުން ހަމަޖެހިފައި އޮތް ގޮތަކާއި ބެހޭގޮތުން އާރިފާ އޮޅުންފިލުވިއެވެ. އަދި ބައްޕަ އައުމުން ފަހުން ގުޅާނެކަމުގައި ބުނެފައި ފޯނު ބޭއްވިއެވެ. އޭރު އުޑުމަތިން އިރު އޮއްސުމުގެ ކުލަތައް ފާޅުވާން ފަށައިފިއެވެ. ޖެހެމުންދާ މަޑު ފިނި ވައިރޯޅިތަކާއި ވަށައިގެން އިވެމުންދާ ރާޅު ބީއްސާލާ އަޑުން މުޅި ތަނުގައި ވެރިވެފައިވަނީ ހިތްގައިމުކަމެކެވެ. އެފަދަ ތަނެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ހާދަހާ ބޮޑު ނަސީބެކޭ އާރިމްގެ ހިތަށް އެވަގުތު އެރިއެވެ. އެމަންޒަރު ފޯނުގައި ރައްކާކުރުމަށްޓަކައި އާރިމް ފޯނުގެ ކެމެރާ ހުޅުވާލިއެވެ. އަދި އެކި ފަރާތް ފަރާތުން ފޮޓޯނަގަން ފެށިއެވެ. އެގޮތަށް ފޮޓޯ ނަގަމުން ދަނިކޮށް ކަނާތް ފަރާތުގައި މޫދާއި ތަންކޮޅެއް ކައިރީގައި އަންހެން ކުއްޖަކު އިށީނދެލައިގެން އިންދާ އާރިމްގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާ އިށީންދެ އިނީ އަރިއަކަށެވެ. އެހެން އިން އިރު އެއްއަތުން ވެލިގަނޑާ ކުޅެމުން ދިޔައެވެ. އޭރު އެކުއްޖާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ފަނޑުފަނޑު ހިނިތުންވުމެއް ވިއެވެ. އެ މޫނުން އާރިމްއަށް ފެންނަން ހުރި ފަޅިން އެކުއްޖާގެ ދޮން އަދި އޮމާން ހަންގަނޑު ރީތިކޮށް ފާހަގަވިއެވެ. ބޮލުގެ ދިގު ފަން އިސްތަށިގަނޑު އޮތީ އެއްވެސް އެއްޗަކުން ނުއައްސާ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ތިރިއަށް ބަލަހައްޓައިގެން އިން ނަމަވެސް އެކުއްޖާގެ ލޮލުގެ އެސްފިޔަތައް ދިގުކަން އެނގޭހާވެއެވެ.

އެފަދަ ހިތްގައިމު މާޙައުލެއްގައި އެހާ ރީތި ކުއްޖަކު އިނުމުން އާރިމްގެ ހިތާ ކުޅެލީ މުޅިން އެހެންކަހަލަ ގޮތަކަށެވެ. އެކުއްޖާ ފެނުމުން ކައިރިއަށް ދާހިތްވިއެވެ. އަދި އަމިއްލަ އިޚްތިޔާރެއް ނެތި އެދިމާއަށް ހިނގައިގަނެވުނެވެ. އެކުއްޖާއާ ކައިރިވަމުން ދިޔަ ވަރަކަށް އޭނާގެ ރީތިކަން އާރިމްއަށް ދިޔައީ ސާފުވަމުންނެވެ. މޫނުގައި މޭކަޕެއް ކޮށްފައި ނެތް އިރުވެސް އެއްވެސް އައިބެއް ފެންނާކަށް ނެތެވެ. މޫނުމަތި އަލިވެފައި ހަންގަނޑު އޮމާނެވެ. އިށީނދެ އިން އިރުވެސް އެކުއްޖާގެ ލޫޅާފަތި، ރީތި ބައްޓަން އެނގެން ހުއްޓެވެ. އާރިމް މަޑުމަޑުން އެދިމާއަށް ފިޔަވަޅު އަޅަމުން ދަނިކޮށް ކުއްލިއަކަށް އެއްފަރާތެއްގައި ހުރި ގަސްތަކެއްގެ ތެރެއިން ހަމަ އެ ފުރާވަރުގެ ދެއަންހެން ކުއްޖަކު އެ ކުއްޖާއާ ދިމާއަށް ދުވެފައި އަންނަ ތަން ފެނުނެވެ. އެ ދެކެދިން ދުވެފައި އައިސް އަތުގައި ހުރި އެއްޗެހިތަކެއް އެކުއްޖާއަށް ދައްކާލިއެވެ. ހަމައެއާއެކު އެ އަންހެން ކުއްޖާ ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އަދި ތިން ކުދިން އެކީގައި އެތަނުން ދާން ހިނގައިގަތެވެ. އެކުދިން ދިޔައީ އާރިމް ހުރި ދިމާ ނޫން އަނެއް ދިމާއަށެވެ. އެހެންކަމުން އެކުދިންގެ ލޮލުގައި އާރިމް އަޅައެއްނުގަތެވެ.

ދެންމެ އެ ފެނުނު ޤުދުރަތުގެ ރީތި އަޖައިބުން އާރިމް މުޅިން އާޝޯޚުކޮށްލައިފިއެވެ. އެހާ ރީތި އަންހެންކުދިން ދުނިޔޭގައި އުޅޭބާއޭ އޭނާގެ ހިތަށް އެރިއެވެ. ބޭރުގައި ކިޔަވަންހުރިއިރުވެސް އޭނާއަށް ވަނީ ތަފާތު ކުލަކުލައިގެ އެކި ނަސްލުތަކުގެ އަންހެންކުދިން ފެނިފައެވެ. ނަމަވެސް ގިނަ ކުދިން ތިބެނީ މޭކަޕުން މޫނު ފުރާލައިގެންނެވެ. އޭގެ ސަބަބުން އެކުދިންގެ އަސްލު ސިފަ ހުންނަނީ ގެއްލިފައެވެ.

އެކުއްޖާގެ ރީތިކަމާމެދު ވިސްނަން ހުއްޓާ އާރިމްގެ އަތުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ބަލާލިއިރު ގުޅަނީ ޔާސީންއެވެ.

"ހޭލެވިއްޖެ ދޯ؟ އަހަރެން މިހުރީ ގެސްޓްހައުސް ބޭރުގަ. ނުކުމެބަލަ." ޔާސީން ބުންޏެވެ.

"އޭ އަހަރެން މިހުރީ ބީޗްގަ. ގެސްޓްހައުސްއާ ދިމާއިން ނުކުމެވެއެއްނު ބީޗެއް. އެތާ." އާރިމް އޮޅުންފިލުވައިދިނެވެ.

"އެހެންތަ؟ އެހެންވިއްޔާ ތިތަނުން މަގަށް ނުކުމޭ. އަހަރެން މިއަންނަނީ ސައިކުގަ." ޔާސީން ބުންޏެވެ.

އާރިމް މަގަށް ނުކުމެ ހުންނަތާ މާގިނައިރެއް ނުވެ ޔާސީން އެތަނަށް އައެވެ. ދެން ދެ އެކުވެރިން ދިޔައީ ޔާސީންގެ ގެއަށެވެ. އެގެއިން ޔާސީންގެ މަންމައާއި ބައްޕަ އަދި ދައްތަ އާރިމްއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އޭރު އެމީހުން ތިބީ ހަވީރު ސައި ތައްޔާރުކޮށްގެން އާރިމްގެ އިންތިޒާރުގައެވެ. އެގޭ އެންމެންވެސް އާރިމްއަށް ވަރަށް ރަނގަޅަށް މެހެމާންދާރީ އަދާކުރިއެވެ. އެކަމާ އާރިމް ހެޔޮ ހިތުން ޝުކުރުއަދާކުރިއެވެ. ސައިބޮއި ނިމިގެން ދެއެކުވެރިން ނުކުތީ އެގޭ ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލި ފައްޗަކަށެވެ. އެތަނުގައި ތިއްބާ ޔާސީންގެ މަންމަ ދުފާ ތަބަށް ގެނަސް ދިއްކޮށްލިއެވެ. ޔާސީންގެ މަންމަ އެތަނުން ދިއުމާއެކު އާރިމް ކުއްލިއަކަށް ގޮނޑުދޮށުން ފެނުނު އަންހެންކުއްޖާ މަތިން ހަނދާންވިއެވެ.

"އޭ. ދެންމެ ވަރަށް ރީތި ކުއްޖެއް ފެނިއްޖެ. ކަލޭ ނުބުނަމެއްނު މިރަށުގަ އެހާ ރީތި ބިޓުން އުޅޭ ވާހަކައެއް؟" އަނގަޔަށް ފޯއްފޮއްޗެއް ލަމުން އާރިމް އެވާހަކަފެށިއެވެ.

"ފުރަތަމަ ނަޒަރުން ލޯބިވެވިއްޖެ ކަންނޭނގެ." ވާތްފަރާތުން މެއާ ދިމާލުގައި އަތް ކާއްތާލަމުން ހެވިފައި އާރިމް އިތުރުކޮށްލިއެވެ.

"ސުބުޙާނަﷲ! ހަމަ އެހާ ރީތި ކުއްޖެއްތަ؟" އާރިމް ވާހަކަ ފެށި ގޮތުން ޔާސީންއަށް އެކަންވީ މަޖާ ކަމަކަށެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ސަމާސާ ރާގަކަށެވެ.

"އޭ ސަމާސާއެއް ނޫނޭ މީ. އެބަ ޖެހޭ އެކުއްޖާ ސެޓު ކޮށްދޭން. ހަމަ އަސްލުވެސް އަހަރެންގެ ހިތާ ކުޅެލައިފި." ސީރިއަށް ކުލަވަރު މޫނަށް ގެންނަމުން އާރިމް ބުންޏެވެ.

"އަހަރެން ހީކުރީ އާރިމް މިހާރުވެސް ކުއްޖެއް ގެންގުޅޭކަމަށް." ޔާސީންއަށް ހީކުރެވިފައި އޮތް ގޮތް ހާމަކުރިއެވެ.

"އަހަރެން މިހާރު ހުހޭ. ކުރިން އެއީ މަޖާކޮށްލަން ކޮށްފަ ހުރި ކަންކަން. މިހާރު ޔާސީންވެސް ތިއުޅެނީ މީހަކާ އިންނާށެއްނު. އެހެންވީމަ އަހަރެންވެސް ބޭނުން މިކަމާ ތަންކޮޅެއް ސީރިއަސްވާން." ކުރިންވެސް ވާހަކަދެއްކި ރާގުގައި އާރިމް ބުންޏެވެ.

"އެހެންވިއްޔާ ތި ޖެހުނީ ކޮންމެހެންވެސް ތިކުއްޖަކު ހޯދާކަށްނު. އެއީ ކިހިނެއް ހުންނަ، ކޮންތާކުން ފެނުނު ކުއްޖެއްތަ؟" ޝައުޤުވެރިވެލާފައި ޔާސީން ސުވާލުކޮށްލިއެވެ.

"ހަނދެއްފަދަ ސާފު މޫނެއް. ބޮޑުބޮޑު ދެލޯ. މަޑު ފިޔާތޮށި ކުލައިގެ ރީތި ތުންފަތެއް. ފަންފަން ދިގު އިސްތަށިގަނޑެއް." އެކުއްޖާގެ ސިފަތައް ޚިޔާލަށް ގެންނަމުން އާރިމް ކިޔައިދިނެވެ.

"ތިއީ ވާހަކައެއްގަ ނޫނީ ފިލްމެއްގަ އުޅޭ ކުއްޖެއްތަ؟" އަނެއްކާވެސް ޔާސީން ސަމާސާކޮށްލިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަންހެންކުއްޖަކު ފެނިގެން އަދި ދުވަހަކުވެސް އާރިމް އެހެންނެއް ނޫޅެއެވެ. ސްކޫލްގައި އުޅުނު އިރުވެސް އެތައް އަންހެން ކުއްޖަކު އާރިމް ފަހަތުން ލޯތްބަށް އެދި އާދޭސްކުރިތަން ޔާސީންއަށް ވަނީ ފެނިފައެވެ. އެހެންނަމަވެސް އާރިމްއަކީ އޭނާގެ ގޮތުގައި ހުންނަ މީހެކެވެ. އޭނާއަށް ކަމު ނުދަންޏާ ރީއްޗަށް އެކުއްޖަކާ ދިމާއަށް ބުނެއެވެ. އެހެންކަމުން އޭރު އޭނާވަނީ އެތައް ކުއްޖެއްގެ ހިތަށް އަނިޔާ ދީފައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ