ފޮޓޯ: ޔޫތް މިނިސްޓްރީ

13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅަން ވީއޭއެމްކޯއަށް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޔުތް މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.

ޔުތް މިނިސްޓްރީން ވިދާޅުވެފައި ވަނީ ޓާރފް އެޅުމަށް ހަވާލުކުރި މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ. ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ. މިއަދު މި ހަވާލުކުރި ރައްތަކުގެ ތެރެއިން ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކޮށްފައެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް އައިއިރު އެނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ