ލިވަޕޫލުން ފަހަތުން އަރައި އާސެނަލް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅު ވެއްޖެއެވެ.

އެންފީލްޑްގައި ކުޅުނު މިމެޗު ލިވަޕޫލުން އާސެނަލްގެ ފަހަތުން އަރައި ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ ލަކަޒެޓެވެ. މެޗުގެ 25 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލިވަޕޫލްގެ ޑިފެންޑަރު ރޮބާޓްސަން ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހަކުން އޭރިއާތެރޭ ހުހަށްހުރި ލަކަޒެޓަށް ލިބުމާއެކު ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް އޭގެ3 މިނަޓްފަހުން މާނޭ ކާމިޔާބުކޮށްދިން ލަނޑުން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއިރު، ލިވަޕޫލުން ލީޑުނެގީ 34 ވަނަ މިނަޓްގައި ރޮބާޓްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިނަތީޖާއާއެކު ލިވަޕޫލް ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހފުގައި ނަތީޖާ ހަމަހަމަކުރަން އާސެނަލްގެ ލަކަޒެޓަށް ރަނުގެ ދެފުރުޞަތެއްވަނީ ލިބިފައެވެ. އެހެންނަމަވެސް މިދެފަހަރުވެސް ލަކަޒެޓްގެ ހުރަހަކަށްވީ ލިވަޕޫލްގެ އިތުބާރު ކީޕަރު އެލިސަންއެވެ.

ލިވަޕޫލްގެ ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނަޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު އުމުރުން 23 އަހަރުގެ ޑިއޯގޯ ޖޯޓާއެވެ. އޭރިއާގެ ރޮނގުމަތިން ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު އާސެނަލްގެ ޑިފެންޑަރުންގެ ތެރެއިން ގޯލްގެ އަރިމަތީ ތިރީ ކަނަށް ޖޯޓާ ބޯޅަ ފޮނުވާލިއިރު، މެޗުގައި ލިވަޕޫލްގެ ހަމަލާތަށް ދިފާޢުކުރުމުގައި މޮޅުކުޅުމެއް ދެއްކި އާސެނަލްގެ ކީޕަރު ލެނޯ ހުރީ ހަރަކާތް ކުރަން ނޭނގިފައެވެ.

ވޯލްވްސް ދޫކޮށް ޖޯޓާ ލިވަޕޫލްއާއި ގުޅުނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ރޭގެ މެޗަކީ ލިވަޕޫލަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، ޖޯޓާގެ ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭކަމަށާއި، ކްލޮޕްގެ ލިސްޓްގައި ޖޯޓާ ހުންނަތާ މިހާރު ދެއެއް ނުވަތަ ތިނެއް އަހަރު ވެއްޖެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ