ޑިޕޭ ގެންދަން ބާސެލޯނާއަށް ސުންގަނޑި ދީފި

ލިޔޯންއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ތަރި މެމްފިސް ޑިޕޭއަށް މިސީޒަންގައި އެކްލަބު ދޫކޮށްލެވޭނެ ސުންގަނޑި ލިޔޯންއިން ކަނޑައަޅައިފިއެވެ.

އެގޮތުން ރިޕޯރޓްތައް ބުނާގޮތުން ލިޔޯންގެ ރައީސްވަނީ ކްލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އަންނަ ހުކުރު ދުވަހާއި ހަމައަށް ފުރުޞަތުދީފައެވެ. އަދި އަންނަ ހުކުރުގެ ފަހުން އެއްވެސް ކުޅުންތެރިއަކަށް މިސީޒަންގައި ކްލަބު ދޫކޮށް ނުދެވޭނެކަމަށް ލިޔޯންގެ ރައީސް ބުނެފައިވާކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ.

ލިޔޯން ދޫކޮށްލަން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރޭ ދެކުޅުންތެރިންނަކީ ޑިޕޭއާއި މެދުތެރެއަށް ކުޅޭ ހޯސެމްއެވެ. ޑިޕޭއަށް ބާސެލޯނާއިން ފާރަލަމުން އަންނައިރު، ހޯސެމް ހޯދުމަށް އާސެނަލްއިން މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެހެންކަމުން ކުރިއަށް މިއޮތް ދެތިން ދުވަހު ޑިޕޭ ބާސެލޯނާއަށް ދާކަންވެސް ނުވަތަ ނުދާކަންވެސް ޔަޤީންވެގެންދާނެއެވެ. މާލީގޮތުން ބޮޑެތި ދަތިތަކާއި ކުތިމަރިވެފައިވާ ބާސެލޯނާއިން މިހާރުވެސްވަނީ އެތަށް ކުޅުންތެރިންނެއް ވިއްކާލާފައެވެ. އެގޮތުން ވިޑާލްއާއި ރަކިޓިޗްގެ އިތުރުން ސުއަރޭޒް ފާހަގަކޮށްލެވެއެވެ.

އުމުރުން 26 އަހަރުގެ ޑިޕޭއަކީ ބާސެލޯނާގެ މިހާރުގެ ކޯޗު ކޫމަން ނެދަލެންޑްގެ ޤައުމީ ޓީމުގެ ކޯޗަކަށްހުރިއިރު ވަރަށް ޤަޔާވާ ކުޅުންތެރިއެކެވެ. ނެދަލެންޑް ޤައުމީޓީމަށް އެންމެފަހުން ކުޅެދިން 18 މެޗުން 11 ލަނޑު ކާމިޔާބުކޮށްފައިވާ ޑިޕޭ ލިޔޯންއަށް ކުޅެދިން 141 މެޗުން 58 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ބާސެލޯނާގެ ފޯވާޑު ސުއަރޭޒް ވިއްކާލާފައިވުމުން އެމަޤާމަށް އިތުރު ކުޅުންތެރިޔަކު ހޯދަން ކޫމަންއަށް މަޖުބޫރުވެފައިވަނީ އެތުލެތިކޯ ދޫކޮށް މިދިޔަ އަހަރުގެ ޖުލައިމަހު ބާސެލޯނާއާއި ގުޅުނު ގްރިޒްމަންގެ ފަރާތުން ސުއަރޭޒް ދެއްކިފަދަ ކުޅުމެއް ނުފެންނާތީއެވެ. ބާސެލޯނާއިން އެންމެފަހުން ކުޅުނު މެޗުގައިވެސް އެކަންވަނީ ފާހަގަވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ