މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 9 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ.
މި 9 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށިއެވެ. ހަތަރުވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެއް ކަމަށްވާއިރު މި ރަށް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަރ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރ މަޙްލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.
މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. މި 9 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30,851,212.02 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ.
މިހާތަނަށް އައިއިރު މިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.
ޔޫތް މިނިސްޓްރީން އިއްޔެވެސް ވަނީ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއި ހަވާލު ކޮށްފައެވެ.
ރަށްރަށުގެ ފުޓް ބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަކީ ރައީސުލްޖޫމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.




