ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓް މިއަދު ޢާއްމުކޮށްފިއެވެ. ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯރޓް މިއަދު ޢާއްމުކުރީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ވެބްސައިޓްގައެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ، މީހުންގެ ޒާތީ މައުލޫމާތާއި، ސަލާމަތާ ގުޅުންހުރި މައުލޫމާތުތައް އުނިކުރުމަށްފަހު އާއްމުކުރި ރިޕޯޓް، ކަމާ ގުޅުންހުރި އިދާރާތަކާ ޙިއްޞާކުރައްވާފައިވާ ކަމަށާއި، ރިޕޯރޓްގައި ހުށައަޅުއްވާ، ފާހަގަކުރައްވާފައި ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަމްދުﷲގެ އެންމެ ބޮޑު އެއް ތަޞައްވަރަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމާއެކު، ޖަލަށް ލެވޭ މީހުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ ޖަލަށް ދިޔައިރު ތިބި ހާލަތަށްވުރެ ރަނގަޅު، މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެއްދެވުން ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތައް:
- ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުން
- އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން
- މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަން
- މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުން
- މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން
ރިޕޯރޓްގެ ހުށައެޅުންތަކުގެ 32% މައްސަލަތަކަކީ ޕޮލިސީއާ ގުޅުންހުރި ކަންކަމެވެ. ހުށައެޅުންތަކުގެ %30 އަކީ ޤާނޫނުތަކާއި، ޤަވާއިދުތަކާ ގުޅުންހުރި ހުށައެޅުންތަކަށްވާއިރު އިދާރީ މައްސަލަތަކުގެ ގޮތުގައި %20 އަދި ބަޖެޓާ ގުޅުންހުރި %18 އިންސައްތަ ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.
ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށެވެ. އެއީ ހުށައެޅުންތަކުގެ %64 އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި %26 އިންސައްތަ ހުށައެޅުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒާ ގުޅުންހުރި %5 ހުށައެޅުމާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި %3 ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.
ޤާނޫނާ ޤަވާއިދުތަކާ ހިލާފް މައްސަލަތަކާއި، ޢާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައްވެސް ރިޕޯރޓްގައި ހިމަނާފައިވެއެވެ.