އ.ދ. އަކީ މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ އުންމީދެއް ކަމުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން އެޖަމްޢިއްޔާއަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުޘްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެ ތަމްޞީލުކުރައްވައި، ރެކޯޑްކުރެވިފައިވާ ވީޑިއޯ ޚިތާބެއް ދެއްވާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، އ.ދ.އަކީ އުފެދުނީއްސުރެ މިއަދާ ހަމައަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ޖަމްޢިއްޔާއެއްކަމަށެވެ. އެގޮތުން، "އ.ދ. އަކީ މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ އުންމީދެއް" ކަމުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން އެޖަމްޢިއްޔާއަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އަރުވާފައެވެ.
"އ.ދ. އެފެދުނުތާ 75 އަހަރު އަޅުގަނޑުމެން މިއަހަރު ފާހަގަކުރަމުންދާއިރު، އުފާކޮށް ޝުކުރުވެރިވާންވީ ކަންކަން ބައިވަރު. ހަނގުރާމަތަކަކަށްފަހު އަމާން އައްސޭރިއަކަށް ދުނިޔެ ވާސިލްކޮށްދީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ސުލްޙަ މަސަލަސްކަން ހިފެހެއްޓުމުގައި އ.ދ.ގެ ދައުރު ވަރަށް ބޮޑު. އ.ދ.އިންވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ޤައުމަކަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ އަޑުއުފުލައި، ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމުގެ މަގު ފަހިކޮށްދީފައި. ވަކީން ޚާއްޞަކޮށް، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް، ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އެއްސަފެއްގައި އެއްހަމައަކުން ބަސްބުނެ، ހެޔޮ ބަދަލުތައް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިން. މިއީ، އަޅުގަނޑުމެންފަދަ ކުޑަ ޤައުމުތަކަށް އޮތް ރައްކާތެރިކަމުގެ އައްސޭރި." މިނިސްޓަރ ޝާހިދު ވިދާޅުވުއެވެ.
ޒަމާނަށް ފެތޭގޮތަށް މިހާރުގެ އ.ދ.ގެ ބައެއް ކަންކަމަށް އިޞްލާހު ގެންނަން ޖެހޭކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވިދާޅުވީ، ނަމަވެސް މި މުޢައްޞަޞާގެ މުހިންމުކަން އަދިވެސް ކުރިއެކޭ އެއްފަދައިން އެބަ އޮތްކަމަށާއި އ.ދ.އަކީ، އެންމެން އެކަތިގަނޑަކަށްވެ، އެއްބަހެއް ބުނެ، ޤައުމީ ތަޢައްސުބުން އެއްކިބާވެ ނަސްލީ ތަފާތުކުރުން ނައްތާލުމަށް އޮތް އެންމެ ބޮޑު ހައްލުކަމަށެވެ.
މީގެ އިތުރުން، އ.ދ. ގެ އަސާސްތަކަށް ބޯލަނބައި މަލްޓިލެޓްރަލިޒްމްގެ ހަޤީޤީ ރޫޙު އަލުން ދިރުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފައިވެއެވެ.