މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު - ފޮޓޯ: މަޖިލިސް

ސިޔާސީ ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއް އޮންނަން ޖެހޭ: ރީކޯ

ސިޔާސީ ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއް އޮންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިފަދައިން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.

ރީކޯ މޫސަ ދެންމެ ކުރެއްވި ތްވީޓެއްގައި ވިދާޅުވީ، ރައްޔަތުންގެ ފައިސާގައި ޕާޓީތަށް ހިންގާނަމަ ޕާޓީތަކުން ކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއް އޮންނަންޖެހޭ ކަމަށެވެ. އަދި  ދައުލަތުގެ ހުރިހާ މުވައްސަސާއަކަށް އޮންނަ އުސޫލު ސިޔާސީ ޕާޓީ ތަކަށްވެސް އޮންނާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ